އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި އިއްޔެ އުމްރާއަށް ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެ އެންމެ ފަހު ދަތުރު ކެންސަލްކޮށް، އުމްރާވެރިން މާޔޫސްކަމުގެ ތެރެއަށް ވައްޓައިލި އެވެ.
ރަމަޟާން މަހުގެ އުމްރާ އަށް އެ ކުންފުނިން ގެންދާ 180 އަށް ވުރެ ގިނަ މީހުން ފުރަން އޮތީ އިއްޔެ ހެނދުނު 8:00 ސައުދީ އެއާލައިން ނެވެ. އުމްރާވެރިން ފުރުމުގެ އެންމެ ފަހުގެ ތައްޔާރީގެ ގޮތުން ހިނައިގަނެ، އިހްރާމް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެންގީ ދަތުރު ކެންސަލްކަމެވެ. އޭރު ލަގެޖުތައް ވެސް ހުރީ ގެންގޮސްފަ އެވެ.
އެ ކުންފުނީގެ ވައިބަ ގްރޫޕުގައި އިއްޔެ ހެނދުނު ލިޔެފައި ވަނީ، "މިއަދުގެ [އިއްޔެ] މި ވަގުތާ ހަމައަށް އައިއިރު ވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ."
އަލް ސަފާ ކުންފުނީގެ ވެރިޔާ އައްޝައިހު އަބްދުﷲ ނަސީމު ވިދާޅުވީ ވިސާ ހަމަޖައްސަނީ ސައުދީ އަރަބިއްޔާގެ އެޖެންޓެއް ކަމަށާއި އުމްރާއަށް މީހުން ފުރުމުގެ ކަންކަން ނިންމައި، އެއާޕޯޓަށް ދާން އެންގީ ވެސް، އަދި ލަގެޖު ގެނައީ ވެސް އެޖެންޓުގެ ބުނި ބަހުގެ އިތުބާރަށް ކަމަށެވެ.
"އަޅުގަނޑުމެން ސިސްޓަމުން ވިސާ ލިބިފައިވާކަން ނުފެނިގެން އެޖެންޓު ގާތު ބުނީމަ ވެސް ބުނީ ހަމަ ޖެހިފައޭ ހުރީ. ވިސާ ލިބިފައިވާކަން ނުފެންނަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ މައްސަލައަކުންނޭ. ދެން އަޅުގަނޑުމެން ރޭ ބުނީ އެހެންވިއްޔާ ވިސާ ލިބިފައިވާ ކަމުގެ ސްކްރީން ޝޮޓެއް ފޮނުވައިދޭން. އެހެން ބުނީމަ އެކޮޅުން ބުނީ އެ މީހުންގެ ސިސްޓަމްގެ މައްސަލައެއް ކަމަށް،" ނަސީމް ވިދާޅުވި އެވެ.

ރަމަޟާން އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެ އެވެ.
ވިސާ ހަމަނުޖެހޭތީ މި ރަމަޟާން މަހު އުމްރާއަށް ނުފުރޭނެ ކަމަށް އުމްރާ ވެރިންނަށް އޮތީ އަންގައިފަ އެވެ. ނަމަވެސް މައްސަލައިގެ ތެރެއަށް އިސްލާމިކް މިނިސްޓްރީން ވަނުމަށް ފަހު އެ ކުންފުންޏަށް ރޭ އަންގާފައި ވަނީ މި ރޯދަ މަސް ތެރޭގައި މީހުން އުމްރާއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ހައްޖާއި އުމްރާގެ ހިދުމަތް ދޭ އެހެން ކުންފުނިތަކުން ވެސް މިފަދަ އެތައް އަމަލެއް ކުރިން ހިންގާފައި އެބަ ހުއްޓެވެ. މި ފަހުން އެފަދަ ކަމެއް ތަޖުރިބާ ކުރެވިފައިވާނަމަ، ހިއްސާކޮށް ދެއްވުން އެދެމެވެ. މައުލޫމާތު ހިއްސާ ކުރާ ފަރާތަކީ ކާކުކަން ސިއްރުކޮށްދޭނަމެވެ.
މުހިންމު ބައެއް ހަބަރު
ހުޅުމާލޭގެ ދެ ހިސާބަކުން 15 ބިމެއް ވިއްކުމަށް އިއުލާނުކޮށް އެ ބިންތަކަށް ބިޑު ކުރުމަށް އާބަންކޯ (ކުރީގެ އެޗްޑީސީ) އިން އިއްޔެ ހުޅުވާލި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކޮމްޕެނީގެ ވެރިޔާ އަހުމަދު ނާޝިދު ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްކަން ހާމަކުރައްވައިފި އެވެ.
ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޯދަވީއްލުމެއް ދެއްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްއަށް އިއްޔެ ފޮނުވި އެވެ.
ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ކުރަމުންދާ ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.
ދިވެހިރާއްޖޭގެ ރުއްތައް މުސްކުޅިވެ އެއިން ލިބޭ ނަފާ މަދުވަމުންދާތީ އިންޑިއާގެ ކެރެލާއިން ރާއްޖެއަށް 5،000 ރުއް އެތެރެކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސް ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު ނާޝިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައި ވިދާޅުވީ؛
އެއިރުވެސް ރައީސް ސޯލިހު، މިހާރު ވެސް ރައީސް ސޯލިހު"
ދުވަހުގެ ފޮޓޯ

ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިއްޔެ މުލިއާގޭގައި ދެއްވި ރޯދަ ވީއްލުން ފެށުމުގެ ކުރިން އެ ކުދިން ކުޅެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާއިރު، ރައީސް ސޯލިހާއި އެ މަނިކުފާނުގެ ދެ ބޭފުޅުން ކައިރީގައި މަޑުކޮށްލައްވައިގެން މަންޒަރު ބައްލަވަނީ. -- ފޮޓޯ: ރައީސް އޮފީސް











