މާފުށީ ރަށްވެހިން ނޫން ބަޔަކަށް އެ ރަށުން ގޯތި ލިބުމުގެ ފުރުސަތު ހަނިކޮށް، އާ އުސޫލު ނެރެފި އެވެ.
މާލެ އާއި ހުޅުމާލެ ފިޔަވައި ބިމުގެ އަގު އެންމެ ބޮޑު މާފުށިން އަލަށް ހިއްކި 25 ހެކްޓަރުގެ ބިން، "އާ މާފުށި" އިން ދޫކުރަން ކަނޑައަޅާފައިވާ 2،000 އަކުފޫޓުގެ 308 ގޯއްޗަށް އެދި ހުށަހެޅުމަށް ކޮންމެހެން މާފުށީ ރައްޔިތަކަށްވާކަށް ނުޖެހެ އެވެ.
އެ ގޯތިތަކަށް އެދި ހުށަހެޅުމަށް މާޗު 30 ގައި ކުރި އިއުލާނު ބާތިލުކޮށް އަދި އޭރު އާންމުކޮށްފައިވާ އުސޫލަށް ބަދަލު ގެނައުމަށް ފަހު އާ އުސޫލާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު އިއްޔެ ވަނީ އަލުން ހުޅުވާލައިފަ އެވެ.
އާ އުސޫލުގައި ވެސް ބުނެފައިވާ ގޮތުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނުވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މާފުށިން ދޫކުރާ ގޯއްޗަށް އެދެވޭނެ އެވެ.
ފުރަތަމަ އިއުލާނު ކުރި އުސޫލުގައި މާފުށީ ރަށްވެއްސަކަށް ނުވާނަމަ ޕޮއިންޓު އުނިވާ ގޮތަށް ކަނޑައަޅާފައެއް ނެތެވެ. ނަމަވެސް އާ އުސޫލުގައި ހިމެނޭ މައިގަނޑު ދެ އިސްލާހުގެ ތެރެއިން އެއް އިސްލާހަކީ މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިވެގެން ދާނެ ކަމަށް ކަނޑައަޅާފައިވުމެވެ.

މިއާއެކު އެހެން ރަށެއްގައި ރަށްވެހިކަން އޮތް މީހަކަށް މާފުށިން ގޯތި ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ އެވެ.
އުސޫލަށް ގެނައި ދެ ވަނަ ބަދަލީ އުމުރު ފުރާގެ ބައިން ޕޮއިންޓު ދިނުމުގައި، 40 އަހަރު ފުރިފައިވާ ނަމަ 20 ޕޮއިންޓް ލިބުމެވެ.
މި ބަދަލާ ގުޅިގެން މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ބަދަލު ގެނައީ ރަށު ރައްޔިތުންގެ ހިޔާލާއެކު ގޯއްޗާބެހޭ ކޮމިޓީން ކަމަށެވެ.
އަދި މިގޮތަށް ބަދަލުކުރަން ނިންމީ މާފުށި ރައްޔިތުންނަށް ވުރެ ބޮޑަށް އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުސަތު ފުރަތަމަ އާންމުކުރި އުސޫލުގައި ބޮޑުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާގައި ހިންގާ މާފުށިން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައި ގަންނަން ފަށާނީ، އޭޕްރީލް 9 އިން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ 13:00 އަށެވެ.












