ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ދައުވަތު ފޮނުވި އެއްވެސް ފަރާތެއްގެ ޝައުގުވެރިކަމެއް އެކަމަށް ނެތެވެ.
ކޯލިޝަން ހެދުމަށް ޖޭޕީން ދައުވަތު ފޮނުވީ ޕީޕީއެމް، އެންއެންޕީ، އެމްއާރުއެމް، އުމުރު ނަސީރު، އަދި ޑރ. މުހައްމަދު މުނައްވަރެވެ.
ނިންމުންތައް
ކުރިއަށް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ޖުމްހުރީ ޕާޓީގެ ފަހަތަށް ނޭރި ނަމަވެސް، އެ ޕާޓީއާއެކު އެއްވެސް މަޝްވަރާއެއް ކުރެވޭނީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިވުމުން ކަމަށް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހެދުމަށް އެމްއެންޕީ ނިންމި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގާ ވާދަކުރައްވަން އިއުލާންކޮށްފައިވާ ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށް އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުނައްވަރު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާކަން އިއުލާނު ކުރެއްވި އިރު ވެސް ވިދާޅުވެފައިވަނީ ބަޔަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންވެ، އޭނާ ޖޭޕީއާއެކު ނުވަތަ އެހެން ބަޔަކާއެކު ވިޔަސް ކޯލިޝަނެއް ނުހަދާނެ އެވެ.
ގާސިމްގެ ދައުވަތާ ގުޅިގެން އެމްއާރުއެމްއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މުހިންމު ބައެއް ހަބަރު
- އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އަންހެން ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންނަށް މޫނު ބުރުގާ ނޭޅުމަށް އެންގުމާއި އެ ކުދިންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
- ދިވެހިރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި އައްޑޫ ސިޓީގެ ދެ ކުއްޖަކަށް ޖެހި، އެ ބަލީގެ އައުޓްބްރޭކެއް އިއުލާނުކޮށްފައިވާއިރު ބަލިވީ ވެކްސިން ނުޖަހާ ތިބި ދެ ކުދިންކަން އިއްޔެ ރިޕޯޓުކުރި އެވެ.
- ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ވިސާއާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާ ބައްދަލުކޮށްފި އެވެ.
- އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު އައްޔަނުކޮށްފި އެވެ.
- އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ރަޖިސްޓްރީ ކޮށްފި އެވެ.
- ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން ލޯނަށް ގަވައިދުން ފައިސާ ނުދައްކާ ކަސްޓަމަރުންގެ އަތުން ނަގާ ޖޫރިމަނާ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމް އަށް ދިން ދައުވަތާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ،
އަޅުގަނޑުމެންނަށްވުރެ ކުރިން ރިޔާސީ ކެންޑިޑޭޓެއް ދެއްކި ފަރާތެއް ނޯންނާނެ، އެހެންވީމާ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އަދި ޕީޕީއެމްގެ ރައީސަކަށް ރައީސް ޔާމީން ހުންނަވަނިކޮށް އެމަނިކުފާނު ނޫން އެހެން ފަރާތަކަށް އެޑްރެސްކޮށް ސިޓީ ފޮނުއްވުމަކީ އަޅުގަނޑުމެނަށް ބަލައިގަނެވޭނެ ކަމެއް ނޫން،"












