އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ރަޖިސްޓްރީ ކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މާޗު މަހު ކުރީކޮޅު ހައި ކޯޓުން ވަނީ އޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހަޅަން އަންގައިފަ އެވެ. މާޗު މަހުގެ ތެރޭގައި އެ ކަންކަން ފުރިހަމަކޮށްފައި އިސްތިއުނާފު ހުށަހެޅި އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މައްސަލަ ހައި ކޯޓުގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި ކޯޓަށް ދައްކަން ޖެހޭ ފީ ވެސް ބަލައިގަނެ އޭގެ ރިސިޕްޓް ވެސް ޔާމީންގެ ވަކީލުންނަށް ފޮނުވާފައިވެ އެވެ. އަދި ޔާމީންގެ ވަކީލުން ވެސް މި ކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެއާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ. ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މާލޭގެ މަގުތައް މަތީގައި މުޒާހަރާ ކުރަމުންނެވެ.
އަދި، ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.












