ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް "އިބޫ 23" ޖަހާފައިވާ ޖާޒީއެއް މަހުޖަނު އަހުމަދު މޫސާ (އުއްޗު) އިއްޔެ ދެއްވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ތާއިދު އޮތީ ރައީސް ސޯލިހަށްކަން ބެލެވިއްޖެ އެވެ.
ރައީސް އާއި އުއްޗު އިއްޔެ ބައްދަލު ކުރެއްވީ ވިޔަފާރިވެރިޔާ ގެންގުޅުއްވާ ރަށެއް ކަމަށްވާ ޗަމްޕާގިރީގަ އެވެ. ރައީސް އެ ރަށަށް ވަޑައިގެންނެވީ އުއްޗު ދެއްވާ ރޯދަ ވީއްލުމަކަށެވެ.
ރައީސް ސޯލިހަށް އުއްޗުގެ ތާއީދު ޔަގީން ކުރެވިއްޖެ ކަމަށް މި ބެލެވުނީ އޭނާގެ ތާއީދު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އުއްޗުއާ ބައްދަލު ކުރެއްވުމަށް އޭނާ ކައިރިއަށް މީގެ ކުރިން ނަޝީދާއި ރައީސް ސޯލިހު ވެސް އަދި އެ ދެ ބޭފުޅުންގެ މަންދޫބުން ވެސް ވަޑައިގެންފައިވެ އެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މި ވަގުތު ބެލެވެނީ ރައީސް ސޯލިހާއި ގާސިމް އިބްރާހިމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވެ އެވެ.
ގާސިމްގެ ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު އޮތީ ދައުވަތު އަރުވައިފަ އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުނުކޮށް އެ ޕާޓީން މަސައްކަތް ކުރަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު އެވެ.

ރައީސް ސޯލިހަށް "އިބޫ 23" ޖާޒީ އުއްޗު ހަދިޔާ ކުރެއްވީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރު، ގާސިމް ކަމަށް ބުރާސްފަތި ދުވަހު ކަށަވަރު ވެފައި އޮއްވަ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ކެންޑިޑޭޓަކު ވާދަ ކޮށްފި ނަމަ، އެ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓު ކަށަވަރުވާނެ އެވެ.
ސުންގަޑި ހަމަވިއިރު ޕްރައިމަރީގައި ބައިވެރިވާން ނަން ހުށަހެޅީ ގާސިމް އެކަންޏެވެ.
އޭނާ ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަން ގާސިމް ވަނީ، އެ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ފާހަގަ ކުރައްވާފަ އެވެ.
"ބައެއް ވިޔަފާރިވެރިން ހީކުރޭ އަޅުގަނޑު ރައީސް ކަމަށް އައީމަ އެ ބޭފުޅުންނަށް ދެރަވާނެ ކަމަށް. ފުރިފައި ހުރި އެއްޗެއް ދުވަހަކު ވެސް ގުޑުގުޑެއް ނާޅާނެ،" އެއްވެސް ވިޔަފާރިވެރިއެއްގެ ނަން ފާހަގަ ނުކުރައްވައި ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރު
- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ) އެ ޕާޓީން ވަކިވި އެވެ.
- އިންޑަސްޓްރިއަލް އައިލެންޑް ކ. ތިލަފުށީގައި ހުރި އިމާރާތެއްގައި މިއަދު މެންދުރު ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
- ކ. މާފުށީ ލޭންޑު ޔޫސް ޕުލޭނާ އެއްގޮތަށް އެރަށުން ދޫކުރުމަށް ނިންމާފައިވާ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
- ބަންގުލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މައްދަތަކަށް ވިސާ ދޫކުރުމަށް އެ ގައުމުން ނިންމައިފި އެވެ.
އިއްޔެގެ ލިޔުންތައް
ދުވަހުގެ ކޯޓޭޝަން
"ގާސިމް އެ ދަނީ ރަނގަޅު މަގަކުން ނޫން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން ޖޭޕީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ؛
މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ގައުމުގެ ހަމަޖެހުމަށް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ބަލައިގަނެ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމާފައިވާތީވެ، އަޅުގަނޑު ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކަ ދެންނެވީމެވެ،"











