ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ އުފުލާފައިވާ ދައުވާއަކީ ވަކި މުއާމަލާތާ ގުޅޭ ދައުވާތަކެއް ނަމަވެސް އެ މުއަމާލަތާ ގުޅުވައިގެން އެންމެ ޝަފައީ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
"ބޭކާރު ހެކިތަކެއް، މުޅީން އެހެން މުއާމަލާތްތަކާއި ދައްކާފައި ހުރި ވާހަކަތަކެއް މި ދައުވާތަކުގެ ތެރެއަށް ވައްދަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ، މި އުޅެނީ ބަޔަކު ހާޒިރުކޮށްގެން ތަފާތު ތުހުމަތުތަކެއް އުފައްދައިގެން އަޅުގަނޑުގެ މުވައްކިލު (ރައީސް ޔާމީން) ގެ އަބުރު ކަތިލަން،" ޝިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ފާހަގަ ކުރި ކަމަކީ މިއީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެ ގޮތުން ފަނޑިޔާރުން ހެކި ބަލައިގަންނަ މައްސަލައެއް ހުށަހެޅޭނެ ހާލަތެއް ވުޖޫދުގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ. ގާނޫނުގައި ބުނާ ގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިސްތިއުނާފު ކުރާ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި ހުކުމް ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތުން ބުންޏެވެ.
ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީއާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
މައްސަލައިގެ ފަސްފަހަތް
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކުކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.












