ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ނެރުނީ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ޔާމީންގެ ވަކީލުން ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ޔާމީނަށް ލިބުނު ފައިދާ އެވެ.
އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގަ އެވެ. ނަަމަވެސް 53 މިލިއަން ހަ މަސް ތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ 26، ގަ އެވެ.
ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން، ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެފައިވާ ހާލުގައި ދައުލަތަށް މުދަލާއި ފައިސާއެއް ނަގާނަމަ އެ ކަމެއް ހިމަނަން ޖެހޭނީ މައްސަލައިގެ ހުކުމުގައި ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ، ޝިޔާޒު ފާހަގަ ކުރެއްވީ އެ ގާނޫނުގައި ހުކުމުގައި ފާހަގަކުރަން ޖެހޭ ކަންކަން ބަޔާންކުރާ މާއްދާގައި މުދަލާއި ފައިސާއެއް ދައުލަތަށް ނަގާނަމަ އެ ކަމެއް ހިމަނަން ބަޔާން ކޮށްފައި އޮތުމުން އެނގެނީ ވެސް އެއީ ހުކުމް ކުރާ އިރު އޮންނަން ވާނެ އަމުރެއް ކަން ކަމަށެވެ.

ހުކުމުގައި އުނިކަމެއް އޮތް ކަމަށް ދައުލަތަށް ގަބޫލު ކުރެވޭނަމަ، އެ ހާލަތުގައި އަމަލުކުރަން އޮންނަ ގޮތަކީ މަތީ މަރުހަލާއެއްގެ ކޯޓުގައި އިސްތިއުނާފުކޮށްގެން އެ ކަމަށް ހައްލެއް ހޯދުން ކަމަށެވެ. އަލުން ހުކުމް ކުރި ކޯޓަށް ސިޓީއެއް ފޮނުވައިގެން އެ ކޯޓުން ވަކި އަމުރެއް ނެރުމަކީ ގާނޫނު ދަންނަ އިޖުރާއަތެއް ނޫން ކަމަށެވެ.
މި ކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މައުޟޫއީ މައްސަލައިގެ ހުކުމަށް ފަހުން އޭގައި ހިމެނޭ މުދަލާއި ފައިސާ ނަގަން އަމުރެއް ނެރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި މީގެ ސަބަބުން މައުޟޫއީ މައްސަލައިގެ ހުކުމަށް އެއްވެސް އަސަރެއް ވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދުގައި ޔާމީންގެ ވަކީލުން ފާހަގަކުރަން ބޭނުންވާ ކަންކަމުގައި ވާހަކަ ދެއްކުމަށާއި، ފަނޑިޔާރުންގެ ސުވާލެއް އޮތް ނަމަ އެ ފުރުސަތު ދިނުމަށް މާދަމާ އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށް މައްސަލަ ބަލާ ބެންޗުން ބުންޏެވެ.
މި މައްސަލަ ހައި ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި، ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.
ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް ހައި ކޯޓު އިސްތިއުނާފްކޮށްފައިވެ އެވެ. ފެބްރުއަރީ 21 ގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އިސްލާހުކޮށްފައި އަލުން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ފަހުން މާޗު 16 ގައި އިސްލާހުކޮށްފައި ހުށަހެޅި ނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމާ މެދު ކޯޓުން ވަކިި ގޮތެއް ނުނިންމަ އެވެ.
ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ އެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތެކެވެ.













