ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.
ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއެކު ވެސް ޔާމީންގެ ވަކީލުން އެ ކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވަކީލުންގެ ނުކުތާއަކީ، މައްސަލައެއްގައި ހުކުމެއް އިއްވުމަށް ފަހު އޭގެ ފަހުން އެއާ ގުޅުވައިގެން އެކި އަމުރު ނުނެރެވޭނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ޔާމީނަށް ލިބުނު ފައިދާ އެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގަ އެވެ. ނަަމަވެސް 53 މިލިއަން ހަ މަސް ތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ 26، ގަ އެވެ.
ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް ހައި ކޯޓު އިސްތިއުނާފްކޮށްފައިވެ އެވެ. ފެބްރުއަރީ 21 ގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އިސްލާހުކޮށްފައި އަލުން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ފަހުން މާޗު 16 ގައި އިސްލާހުކޮށްފައި ހުށަހެޅި ނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމާ މެދު ކޯޓުން ވަކިި ގޮތެއް ނުނިންމަ އެވެ.

ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ އެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތެކެވެ.













