ރޯދަ މަހު ކެއުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުގެ ސަބަބުން ދުވާލުގެ ވަގުތުގައި ވަރުބަލިވުމާއި ހަކަތަ ނެތުމަކީ އެންމެ ގިނައިން މީހުންނަށް ދިމާވާ އެއް އުނދަގުލެވެ.
ވަރުބަލިވުން ކުޑަކޮށް، ގިނަ ވަގުތު ހަކަތަ ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ރޯދަ ނޫން ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ ބައިތައް ރަނގަޅަށް ހަމަކޮށްގެންނެވެ.
ތިރީގައި އެ ވަނީ ހަކަތަ ހޯދުމަށް އިހްތިޔާރު ކުރެވިދާނެ ބައެއް ތަކެއްޗެވެ.
ކަދުރު: ގިނަ މީހުން އެންމެ ފުރަތަމަ ރޯދަ ވީއްލަނީ ވެސް ކަދުރަކުންނެވެ. ކަދުރަކީ ހަކަތަ އާއި ފައިބަރު އަދި އެހެން މުހިއްމު މިނެރަލްތައް މުއްސަނދި އެއްޗެކެވެ. އެގޮތުން ޕޮޓޭސިއަމް، މެގްނީޒިއަމް އާދި އަޔަން ކަދުރުގައި ހިމެނެ އެވެ. އޭގެ އިތުރުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދިނުމަށް ފައިދާ ހުރި ހަކުރު ވެސް ކަދުރުން ލިބެ އެވެ.
ހޯލް ގްރެއިން: ހޯލް ގްރެއިންގެ ބާވަތްތައް ކަމުގައިވާ ބްރައުން ރައިސް އަދި އޯޓްސްގައި މުހިއްމު ކާބޯހައިޑްރޭޓްސް އެކުލެވެ އެވެ. އެއީ މުޅި ދުވަހަށް ބޭނުންވާ ހަކަތަ ހޯދޭނެ ގޮތެކެވެ. އޭގެ އިތުރުން އޭގައި ހިމެނޭ ފައިބަރުން ކާބޯތަކެތި ޑައިޖެސްޓުވާން ގިނަ އިރު ނަގަ އެވެ. އެހެންކަމުން، ގިނަ ވަގުތު ބަނޑުހައި ނުވެ ހުރެ އެވެ.

ހޯލް ގްރެއިން ޕާން.

މުގު: މުގަކީ ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ލިބިދޭ އެއްޗެކެވެ. އޭގެ އިތުރުން މުގުގަައި ހިމެނޭ އަޔަންގެ އެހީގައި އެންމެ ރަނގަޅު މިންވަރަށް ލޭ މެއިންޓެއިން ކުރަން އެހީވެދެ އެވެ.
ނަޓްސް: އާމަންޑް، ވޯލްނަޓް އަދި ޕިސްޓާޗިއޯ ފަދަ ބަދަނުގައި ޕްރޮޓީން އާއި ސިއްހަތަށް ފައިދާ ހުރި ފެޓްސް ގިނައިން ހިމެނެ އެވެ. އެއީ ގިނަ ވަގުތަށް ހަކަތަ ދަމަހައްޓަން ކާލަން އެންމެ ރަނގަޅު އެކައްޗެވެ. އޭގެ އިތުރުން މުހިއްމު ވިޓަމިނާއި މިނަރެލް ވެސް އޭގެން ލިބެ އެވެ.
ޔޯގަޓް: ޔޯގަޓުން ލިބިދޭ ޕްރޮޓީނާއި ކެލްސިއަމުން ކަށިތައް ވަރުގަދަކޮށްދެ އެވެ. އޭގެ އިތުރުން ޔޯގަޓުގައި ހިމެނޭ ޕްރޯބަޔޮޓިކްސްގެ އެހީގައި އިމުއިނިޓީ ވަރުގަދަކޮށް، ކާއެއްޗެހި ހަޖަމުވާ ނިޒާމަށް ފައިދާކުރެ އެވެ.

ޔޯގަޓް
ސްޕިނެޗް: ސްޕިނެސް އާއި ބްރޮކޮލީ ފަދަ ތަރުކާރީގައި ކާބޯހައިޑްރޭޓައި ފައިބާ އަދި މުހިއްމު މިނަރަލާއި ވިޓަމިން ހިމެނެ އެވެ.
ކުކުޅާއި މަސް އަދި ބިސް: ކުކުޅާއި މަހުގައި ޕްރޮޓީން ވަރަށް ގިނައިން ހިމެނެ އެވެ. މިއީ ގިނަ ވަގުތަށް ހަކަތަ ދަމަހައްޓަން އެންމެ ރަނގަޅު އެކައްޗެވެ. އޭގެ އިތުރުން ބިހުގައި ވިޓަމިން ޑީ ހިމެނެ އެވެ.
އަލަ، ކައްޓަލަ: މިއީ ޕޮޓޭސިއަމް، ވިޓަމިން އޭ، ސީ، އަދި ބީ6 ގިނައިން ހިމެނޭ ތަކެއްޗެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ މި ތަކެތިން ފައިދާ ހުރި ކާބޯހައިޑްރޭޓްސް ލިބޭނެ އެވެ










