މާލޭގެ ގެއެއްގެ މަތިން މިރޭ މަގުމައްޗަށް ވެއްޓުނު އަންހެން މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހުންނަ އެ އިމާރާތުން ވެއްޓިފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 8:05 ހާއިރު އެވެ.
އެ އަންހެން މީހާ ވެއްޓެން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވީ ފުވައްމަލަކު ހަދީޖާ އަލިދީދީ އެވެ. އޭނާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ، ދެ ދަރިންގެ މައެކެވެ. އޭނާ ދާދި ފަހުން މާލެ ދިޔައީ ފަރުވާއެއް ހޯދުމަށެވެ.
މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. ރޭ ދަންވަރު ހ. އެސްޕީ ވިލާ ފަސް ވަނަ ފަންގިފިލާ ބެލްކަނިން ހަތަރު އަހަރުގެ ކުއްޖަކު ވަނީ ވެއްޓި މަރުވެފަ އެވެ. އެ ކުއްޖާ މަރުވީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

titledesc













