ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ތާވަލުނުކުރެވި ލަސްވަމުން ދަނީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު، އިނގިރޭސިވިލާތުގެ އައްބާސް ފާއިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ބުނެ އިދާރާތަކުން ދައްކަނީ ގަބޫލުކުރަން ދަތި ސަބަބެއް ކަމަށެވެ.
"މި މައްސަލައިގެ ޝަރީއަތް ލަސްވެގެންދާ އެކަށޭނަ ސަބަބެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނުވޭ," އައްބާސް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ޝަރީއަތް ނުބޭއްވި ލަސްވަމުން ދަނީ ފަހަކަށް އައިސް އެ މައްސަލައިގެ އަޑުއެހުން ކޯޓުން ތާވަލު ނުކުރާތީ ކަމަށެވެ.
އެ މައްސަލަ މިހާރު ހަވާލުކޮށްފައިވަނީ ގާޒީ ސޮފްއަތު ހަބީބާ އެވެ.

ގާޒީ ސޮފްއަތުގެ ސެކްޝަނުން ބުނީ، ކޯޓަށް ހާޒިރުވެގެން ހިންގާ މައްސަލައަކަށް ވެފައި، ކޯޓުގެ ޖާގައިގެ ދަތިކަމުން މިހާތަނަށް އަޑުއެހުމެއް ތާވަލުކުރަން ފުރުސަތު ނުލިބި ދަނީ ކަމަށެވެ.
"ފަސް ކޯޓު ރޫމު ބޭނުން ކުރަނީ މި ވަގުތު ކޯޓުގައި، ޝަރީއަތް ކުރާ 10 ސެކްޝަނުން ބަހާލައިގެން، މި މަހު ބީ4 ސެކްޝަނަށް ލިބުނީ 10 ދުވަސް، އެ ދުވަސްތަކުގައި ތާވަލު މި ކުރަނީ އޭގެ ކުރިން ލިބިފައިވާ މައްސަލަތައް،" ސެކްޝަނުން ބުންޏެވެ.
އެ ސެކްޝަނުން އިތުރަށް ބުނީ ދެން އެންމެ އަވަހަށް ވެސް ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުމެއް ޝެޑިއުލް ކުރެވޭނީ ރޯދަ މަސް ތެރޭގައި ނުވަތަ ރޯދަ މަސް ނިމިގެން ކަމަށެވެ.
ގާޒީ ސޮފްއަތުއާ ހަވާލުކުރުމުގެ ކުރިން މައްސަލަ ބައްލަވަމުން ގެންދެވީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗަށް ވެސް އެކި ފަހަރު މަތިން ބަދަލު ގެންނަން ޖެހުނެވެ.
ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު މައްސަލައިން ތަނާޒުލް ވާން ޖެހުނެވެ. އެއީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އިސްހާގުގެ ދަރިއަކު އޭނާއަށް މީގެ ކުރިން އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށު އަރާނެތީ އެވެ.
ދެން ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒް ފަހްމީ ހަމަޖެއްސެވި އެވެ. ނަމަވެސް އެ ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބަނާޒް އައްޔަން ކުރެއްވުމުން އަނެއްކާ ވެސް ބެންޗުން ގާޒީއަކު މަދުވީ އެވެ.
އެ ފަހުން ހުސްވި މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސައި، ބެންޗުގެ ރިޔާސަތު ގާޒީ މުހައްމަދު މިސްބާހުއާ ހަވާލުކުރެއްވި އެވެ. ދެން ބެންޗުގައި އިންނެވީ ގާޒީ ސޮފްވަތެވެ.
ނަމަވެސް އެ ބެންޗު ހަމަޖެއްސި ފަހުން މިހާތަނަށް އެންމެ އަޑުއެހުމެއް ވެސް ބޭއްވިފައެއް ނުވެ އެވެ. އަދި، ގާޒީ ސޮފްއަތުއާ މައްސަލަ ހަވާލުކުރި ފަހުން ވެސް އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ.
މުހިންމު ބައެއް ހަބަރު
- ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެނުންގެ އަދަދު އިތުރުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
- ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ނަމުގައި 26 ޖެނުއަރީ 2023 ގައި ގެޒެޓުކުރެވުނު ގަވައިދުގެ ދަށުން މިހާތަނަށް ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
- މާލޭގައި ހުއްދަނެތި މައުދަން ގުދަން ނުކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެދިއްޖެ އެވެ.
- މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު އެ ޕާޓީން ވަކިވާން ބޭނުންވާ ކަމަށާއި އެކަމުގެ މަޝްވަރާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
- އެއްބަސްވުމާ ހިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓާ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
- ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
އަންހެނުން ދުވަސް އިއްޔެ ފާހަގަ ކުރިއިރު، މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު އިއްޔެ ވިދާޅުވީ،
މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ޖެހޭނެ،"
ދުވަހުގެ ފޮޓޯ

އެމްއެންޑީފްގެ ޖިމް، ސެނަފިޓް ސެންޓަރު ހުޅުވުމަށް މާޗް 7، 2023 ގައި ބޭއްވި ހަފުލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ސިފައިންގެ އިސްވެރިން، އަދި އުރީދޫ މޯލްޑިވްސްގެ އިސްވެރިން، އެ ޖިމް ބައްލަވާލައްވަނީ. މި ޖިމް ހަދާފައިވަނީ އުރީދޫ މޯލްޑިވްސްގެ އެހީގައި. -- ފޮޓޯ: އުރީދޫ މޯލްޑިވްސް











