ރިޔާސީ ދެ ވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަށަވަރު ވިޔަ ނުދޭން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ހަރަކާތުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، އެ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ރައީސް ސޯލިހާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި ނިންމެވި ކަމެއް ހާމަކުރެއްވުމުގެ ބަދަލުގައި ގާސިމް ވިދާޅުވީ، އެ ބައްދަލުވުމުގައި ދެއްކެވީ "ސިޔާސީ ވާހަކަ" ކަމަށާއި ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާ ކުރައްވާނީ ޕާޓީން ގޮތެއް ނިންމުމުން ކަމަށެވެ.
"މިހާތަނަށް ކައުންސިލުން ވަކި ގޮތަކަށް ނުނިންމާ، ކޮންފަރެންސުން އެއޮތީ ގަރާރެއް ފާސްކޮށްފައި، އެ ގަރާރުގަ މި ބުނަނީ އަޅުގަނޑުމެން ވަކި މީހަކު އިންތިހާބަށް ނެރެން" އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ދޮރުމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި މިހާރު ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވީ މިހާރު ވެސް ތިބީ ކޯލިޝަނެއްގައި ކަމަށާއި "ކޯލިޝަންގެ ވާހަކަ ދައްކަނެތާ ދެއްތޯ" ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާސިމްގެ ޝައުގު އެބަ ހުރިތޯ ސުވާލު ކުރުމުން ވިދާޅުވީ އެ ވާހަކަ ދައްކަވަން އަދި ބޭނުންފުޅު ނުވާ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް, ނިމިގެން ދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސުން ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި އެ ގަރާރު ކޮންފަރެންސްގެ އިއްތިފާގުން ފާސްވި ނަމަވެސް، ގަރާރަށް އަމަލު ކުރާނީ ކައުންސިލުން ގޮތެއް ނިންމުމުންނެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމާ ހެދި "މޮޔަވާން ޖެހޭ" ސަބަބެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވުރެ އޭނާގެ ޝައުގު އޮތީ މި ގައުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކަށް ތަރުހީބު ދީ އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ.
"އަޅުގަނޑު ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ. ކޮން އެއްޗަކަށް ހަދަންތޯ. ކޯއްޗެއްތޯ އަޅުގަނޑަށް ނެތީ. ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރާ ފުރިހަމަ ކުރައްވާފައި. ވަރަށް ރަނގަޅަށް. އައިމް ނޮޓް ކްރޭޒީ އިނގޭތޯ؟،" އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ގާސިމްގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.
މުހިންމު ބައެއް ހަބަރު
- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ހާލަތެއްގައި ރަނިންމޭޓަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުއްވި ވާހަކަ ގާސިމް ދޮގު ކުރައްވައިފި އެވެ.
- ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު މަޝްވަރާކުރި ނަމަވެސް، ރިޔާސީ ކެމްޕޭނުގައި ސީދާ ގޮތުން ސަލަފު ނުފެނިދާނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.
- ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށް ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތައް ކަމަށްވާފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
- އެއާޕޯޓުތަކުން ނަގާ ފީ ބޮޑުކުރުމާއެކު މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު އުފުލިއްޖެ އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތައް ކުރާނެ އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަން ނިންމައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
އެކިއެކި ސަބަބުތަކާހެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި 17 ބިލެއް މަޑުޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ބިނާވެށި ޕްލޭން ކުރުމުގެ ބިލު އަވަހަށް ނިންމައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުން އަވަސްކުރުން މުހިންމުކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ؛
މީގައި ނިކުމެގެން އުޅޭ އެއް އަރައިރުމަކީ ގާނޫނު އެކުލަވާލެވުނު އިރުގައި ރުށްގަސް ގުނުމަށް އެބަ އެދޭ، އަދި ލޭންޑް ޔޫސް ޕްލޭން ސައިންޓިފިކަލީ އެދުމަށް އެބަ ބުނޭ، ދެން އެ މަސައްކަތް އެއީ ވާން ނެތް މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަރަށް ގިނަ ވާހަކަ އެބަ ދެކެވޭ،"
ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިއްޔެ ރައީސް އޮފީހުގައި ބައްދަލު ކުރެއްވުމަށް ފަހު ނުކުމެވަޑައިގަންނަވަނީ. -- ފޮޓޯ: އަދަދު: މިރާން ނާޝިމް/ އަދަދު












