އެއާޕޯޓުތަކުން ނަގާ ފީ ބޮޑުކުރުމާއެކު މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު އުފުލިއްޖެ އެވެ.
މޯލްޑިވިއަނުން "އަދަދު" އަށް މިއަދު ބުނީ ޓިކެޓްތަކުގެ އަގު ބޮޑު ކުރަން ޖެހުނު ނަމަވެސް އަގުތައް ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކާޑެއްދޫގެ ޓިކެޓުގެ އަގުން 180ރ. ބޮޑުކުރިއިރު، އެހެން މަންޒިލްތަކުން ބޮޑުކުރީ 70ރ. ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެކަމަކު އެހެން އެއާޕޯޓުތަކުން 70ރ. ބޮޑުކުރި ކަމަށް މޯލްޑިވިއަނުން ބުނެފައިވާއިރު، ކައްދޫ އެއާޕޯޓުގެ ޓިކެޓުގެ އަގުން ވަނީ 100ރ. ބޮޑުވެފަ އެވެ. އަދި އައްޑޫ ސިޓީން ވަނީ 76ރ. ބޮޑުކޮށްފަ އެވެ.
އެ ފަރަގަކީ އަގާއެކު ޓެކްސް ހިމެނުމުން އިތުރުވާ އަދަދު ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ޓިކެޓުގެ އަގު އުފުލުނީ ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓަކުން ނަގާ ފީތައް ބޮޑު ކުރަން އެ ކުންފުނިން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޖެނިފާ މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ އެއާޕޯޓުތަކުން ނަގާ ފީތައް ބޮޑު ކުރަން ނިންމި ނަމަވެސް ޓިކެޓުގެ އަގަށް ބަދަލެއް ނުގެނެސް މިހާރު ހުރި އަގުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖެނިފާ ވިދާޅުވީ މޯލްޑިވިއަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އެފަދަ ބަދަލުތަކެއް ގެނައީމާ އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ، ގެއްލުންތަކެއް ވާނެ، އެކަމަކު މަސައްކަތް މިކުރަނީ މިހާރު ހުރި އަގުގައި ހިފެހެއްޓޭތޯ،" ޖެނިފާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަގުތައް ބޮޑުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި މިހާތަނަށް ވެސް މޯލްޑިވިއަންގެ އަގުތަކަށް ބަދަލެއް ނުގެނެސް ހިފެހެއްޓީ ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ. ޖެނުއަރީ މަހު އަގުތައް ބޮޑުކުރީ ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެންނެވެ.












