ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގެ 17 ސަރަހައްދެއް ސަރުކާރުގެ ބޭނުމަށް ފިނޭންސް މިނިސްޓްރީން ގަނެފި އެވެ.
ސަރުކާރުން ބިން ގަތް ކަން އެނގުނީ އެ މުއާމަލަތަކީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް އެޗްޑީސީން ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް އެ ކޯޓުން އާންމުކުރުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން، އެ 17 ބިމުގައި ޖުމްލަ 552،429.91 އަކަފޫޓު ހުރެ އެވެ. އަދި އެ ބިންތަކަށް ޖުމުލަ 878،363،556.90ރ. ފިނޭންސް މިނިސްޓްރީން ވަނީ ދައްކައިފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުލްސައްތާރު މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ހިންގާފައިވަނީ ސައްހަ މުއާމަލާތެއްގެ ކަމާއި އެ ބިންތަކުގެ މިލްކުވެރިކަން މިހާރު އޮންނާނީ ފިނޭންސް މިނިސްޓްރީއަށް ކަމަށް ވެސް ކަނޑައަޅުއްވާފައިވެ އެވެ.












