ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފަންނުވެރިޔާގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގުރާމަކީ އެއް މަސްދުވަހުގެ ޕްރޮގުރާމެކެވެ. އެ ޕްރޮގުރަމުގައި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.
ވޯކްޝޯޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމު ފުރުމަށްފަހު އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މާލެ ސިޓީ ކައުންސިލުގެ އީމެއިލް އަށް މެއިލް ކުރަން ޖެހޭނެ އެވެ.
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ފާސްކުރީ މާލެ ސިޓީ ކައުންސިލުގެ 70 ވަނަ އާންމު ޖަލްސާގަ އެވެ. ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމި އެ ޕްރޮގުރާމަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
އެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާޓް އެންޑު ޑިޒައިންއާ ގުޅިގެންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޕްރޮގުރަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުސަތުތަކެއް ފަހި ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ނިންމި ޕްރޮގުރާމެއް ކަމަށެވެ.
"މާލޭގައި ވަރަށް ގިނަ ޒުވާނުން އެބަތިބި މަސައްކަތެއް ނެތިފައި، އާމްދަނީ ހޯދޭނެ ވަސީލަތެއް ނެތިފައި އެބަތިބި، އެހެންވީމާ ކައުންސިލުން އެފަދަ ފޯރުކޮށްދެވޭ ގޮތްވުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލުވާގޮތަށް އާޓް އެންޑު ކްރާފްޓުގެ ފަންނުގެ ދާއިރާއިން މިކަހަލަ ކޯހެއް ހިންގައި ގިނަ ޒުވާނުންތަކެއް ތަމްރީނު ކުރުން ކަމަށެވެ.
ފަންނުވެރިޔާ ވޯކްޝޮޕް ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ޕްރޮގުރާމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭނީ އެ ކައުންސިލުންނެވެ.












