ރޭގެ ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖަހާ ޒަހަމުކޮށްލި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާއަށް ހަމަލާ ދިނީ ފިލަން ވެގެން މާފަންނު މުރަނގަމަގު، ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްރާޝާ ފިހާރަ ތެރެއަށް ވަދެ ހުއްޓަ އެވެ.
މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ސައިކަލުގައި އައި ދެ މީހެކެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަދި މަންޒަރު ފެންނު މީހުން ބުނި ގޮތުގައި ޒަހަމްވި މީހާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ.
އޭނާ އެމްބިއުލޭންސްގައި ވަގުތުން އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ. އަދި, ހަމަލާ ދިން ވަގުތު ކްރާޝާ ފިހާރައިގެ ކޭޝިޔަރަކަށް އިން އަންހެން މީހާ ހެޔަށް ގޮތްވެ ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. ހަމަލާގެ މަންޒަރު ފެނުމާއެކު އެ އަންހެން މީހާ ސަލާމަތްވުމަށްޓަކައި ދުވެފައި ގޮސް ވަނީ އެ ފިހާރައިގެ ކުރިމަތީގައި ހުންނަ މަރުހަބާ ފިހާރަ އަށެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ.
"ފަރުވާ ދެނީ އައިސީޔޫގައި ބާއްވައިގެން. ހާލަތު ކްރެޓިކަލް، އޮތީ ވެސް ވެންޓިލޭޓަރުގައި" އޮފިޝަލް ވިދާޅުވި އެވެ.
މި ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގާ ޒަހަމުވި މީހާގެ އުނަގަނޑުގައި ވެސް އުރައަކަށް ލާފައި އޮތް ވަޅިއެއް އޮތެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވެސް މާލެ އަދި އަތޮޅުތެރޭގެ ބައެއް ހިސާބުތަކުގައި ގިނަ މާރާމާރީތަކެއް ހިނގާފައި ވެއެވެ.
އެގޮތުން, މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އަަދި، މިމަހުގެ 14 ވަނަ ދުވަހު ވިލިމާލޭގައި މާރާމާރީއެއް ހިނގާ މީހަކު ޒަހަމްވި އެވެ. މިމަހުގެ 17 ވަނަ ދުވަހު އައްޑޫގައި ވެސް ވަނީ މާރާމާރީއެއް ހިނގާފަ އެވެ.












