ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މާލޭ ގެސްޓްހައުސް އަކުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 43 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ބިދޭސީ ފިރިހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީން ނިސްބަތްވާ ގައުމު އަދި އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަދި ބިދޭސީ އަންހެން މީހާ ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ރޭ ފުލުހުން މި އޮޕަރޭޝަން ހިންގާފައިވާއިރު އިއްޔެ ސަރުކާރުން ވަނީ ރާއްޖޭގައި ހިންގާ ސްޕާތަކުގެ ހިދުމަތްތައް މޮނީޓާކޮށް އެތަންތައް ރަޖިސްޓްރީކޮށް ހިންގުމަށް ހަރުކަށި ގަވާއިދެއް ސަރުކާރުން މިއަދު އެކުލަވާލައިފަ އެވެ. އެގޮތުން، އެ ތަންތަނުން އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރުކޮށްފަ އެވެ.
ރާއްޖޭގައި ސްޕާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ ތަންތަން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.














