މާދަމާ މާލޭގައި ފަށާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ރާއްޖޭން ފުރަތަމަ މެޗުގައި މެލޭޝިއާއާ ބައްދަލުކުރަން ޖެހުނުއިރު، މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން ރޭވި ގިނަ ހަރަކާތްތަކުގެ ތެރެއިން ސަޕޯޓަރުންނަށް ޖޯޒީ ވިއްކަން ހުޅުވާލައިފި އެވެ.
މި މަހު 23-27 އަށް ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ކުޅެނީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން އަފްގާނިސްތާނާއި ސިންގަޕޫރު އެވެ. އަންހެން ޑިވިޝަނުގައި ރާއްޖޭން ވާދަކުރަނީ މެލޭޝިއާ އާއި ސިންގަޕޫރާ އެވެ. މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު، އަންހެން ޑިވިޝަނުގައި ރާއްޖޭން 16:30 ގައި މެލޭޝިއާއާ ކުޅޭނެ އެވެ. އަދި ފިރިހެން ޑިވިޝަނުގައި މާދަމާރޭ 20:30 ގައި ރާއްޖޭން މެލޭޝިއާއާ ވާދަކުރާނެ އެވެ.
ފިރިހެން ޑިވިޝަނުގެ ފޯމެޓް ރޭވިފައިވާ ގޮތުން ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ޓީމު ސެމީގައި ކުޅޭނީ ހަތަރު ވަނަ ޓީމާ އެވެ. އަދި ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު އަނެއް ސެމީގައި ބައްދަލުކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނެ އެވެ. އަންހެން ޑިވިޝަނުގައި ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ޓީމު ދާނީ ފައިނަލަށެެވެ. އަދި ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން ފައިނަލްގެ އަނެއް ޖާގަ ކަނޑައެޅޭނެ އެވެ.
ރާއްޖޭގެ ފިރިހެން ޓީމުން ދެ ވަނަ މެޗުގައި ހުކުރު ދުވަހުގެރޭ 20:30 ގައި ސިންގަޕޫރާ ކުޅޭއިރު، އެ ދުވަހު ހަވީރު 16:30 އަންހެން ޓީމުން ވެސް ސިންގަޕޫރާ ބައްދަލުކުރާނެ އެވެ. ފިރިހެން ޓީމު ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ އަފްގާނިސްތާނާ އެވެ. އެ މެޗު ފަށާނީ 20:30 ގަ އެވެ.
ސަޕޯޓަރުންގެ ޖޯޒީއެއް 220 ރުފިޔާ އަށް
މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަން އިން އަންނަނީ މާލޭގެ އެކި ސަރަހަައްދުތަކުގައި ބިލްބޯޑު ޖަހަމުންނެވެ. އޭގެ އިތުރުން ސަޕޯޓަރުންގެ މެދުގައި މުބާރާތުގެ ފޯރި އާއި ޖޯޝް ވަރުގަދަ ކުރުމުގެ ގޮތުން ފޯ ނޭޝަންސް ކަޕަށް ރާއްޖޭގެ ވޮލީ ޓީމުން ތައްޔާރުކުރި ޖޯޒީ ވިއްކުމުގެ ހަރަކާތެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިއްޔެ ވަނީ ފަށައިފަ އެވެ.
އެ ގޮތުން ވީއޭއެމް އިން ހަމަޖައްސާފައިވަނީ ވެލާނާ ބިލްޑިން ތިރިންނާއި ސޯޝަލް ސެންޓަރުން ހެނދުނު 10:00 އިން 15:00 އަދި 16:00 އިން 20:00 އަަށް ސަޕޯޓަރުންނަށް ޖޯޒީ ލިބޭ ގޮތަށެވެ.
ފޯ ނޭޝަންސް ކަޕްގައި ގައުމީ ވޮލީ ޓީމުން ބޭނުންކުރާނެ ޖޯޒީ ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ޖޯޒީގެ ޑިޒައިނުގައި މަންޓާ ރޭ ވަނީ ވަރަށް ބޮޑަށް ހިމަނައިފަ އެވެ. މިއީ، ވިސްނުންތެރިކަމާ އެކު ކުޅިވަރުގެ ތެރެއިން ކުރިއަށް ދިއުމާއި ގައުމީވަންތަ ކަމުގެ ނިޝާނެއް، ޖޯޒީގެ ޑިޒައިނުގެ ތެރެއިން ދައްކާލުމަށް ކުރެވުނު ކަމެކެވެ.
އަދި ޖޯޒީގެ ޑިޒައިނާއި ތިން ކިޓްގައި ބޭނުންކޮށްފައިވާ ކުލަތަކަކީ ރާއްޖޭގެ ގައުމީ ދިދައިގައި ވެސް ހިމެނޭ ކުލަތަށް ކަމަށްވާއިރު، މި ޖޯޒީގެ ޑިޒައިނުގެ އެންމެ ބޮޑު ބޭނުމަކީ، ފަހުރުވެރިކަމާ އެކު ގައުމު ތަމްސީލްކުރަން ގައުމީ ޓީމުން ކުޅޭއިރު، ބޭނުންކުރާ ޖޯޒީން ގައުމުގެ ޒީނަތްތެރި ސިފަތައް ފެންނަ ގޮތްވުން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.












