ވާހަކަ؛ ދޮންސޮރު

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

"ދޮންސޮރާ." މުސްކުޅި މުސްކުޅި އެ އަޑު ކަންފަތަށް އިވުނެވެ. އެކަމަކު ސަމާލުކަމެއް ނުދެވުނެވެ. ކަންފަތާއި ކަނދުރާއަށް ހީނބިހި ގަނޑެއް ވެއްޓުނީ ހަމަ އެ ވަގުތު އެވެ. ކަނދުރާއަށް ވެއްޓުނު ހީނގަނޑު ކަންފަތާ ދިމާއިން ހަށިގަނޑުގެ އެތެރެއަށް ފޭދިގެން ދިޔަ އެވެ. މަޑުމަޑު ތުރުތުރެއް ހަށިގަނޑުގައި ދުވެލި އެވެ. ހިތުގެ ތެޅުން އަވަސްވި އެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ވަށައިގެންވީ ފަޅު ކަމެވެ. އަނދިރިކަމެވެ. އެ އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ހުނުމާއި ސަކަރާތުގެ އަޑެވެ. ފަނޑު ގޮތަކަށް އަހަންނަށް ސިފަވަމުން ދިޔައީ އުފަލުން، ދުވަމުން ނަށަމުން ދިޔަ ދެ މީހުންނެވެ. ވައިގެ ތެރޭގައި އުދުހި އުޅޭހެން އުޅެމުން ދިޔަ ދެ މަފިރިންނެވެ. އަހަންނަށް ބަލައިލެވުނެވެ.

"ދޮންސޮރާ." މި ފަހަރު އިވުނީ ޒުވާން އަޑެކެވެ. ލުއި އަޑެކެވެ. ހުނުމާއި ސަކާރާތާއެކު ތަކުރާރުވަމުން އެ ދަނީ ހަމަ އެ އަޑެވެ.

އެއީ ކޮން އަޑެއް ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ މި އަނދިރި ކަމުގެ ތެރޭގައި އަތް ބަނދެވިފައި މި ހުރެވުނީ ކީއްވެ ހެއްޔެވެ؟ އެކަނިވެރިކަން އަހަރެންގެ ވަށައިގެން މި ދުވަނީ ކީއްވެ ހެއްޔެވެ؟ މި ދަންވަރު މި އައީ ކޮންތާކުން ހެއްޔެވެ؟ ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. އެ ކަރުނަތައް ފޮހެލެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ދެ އަތް އޮތީ ބަނދެވިފަ އެވެ. ކޮނޑުގައި އޮތީ ބަރު ދަބަހެކެވެ.

އަހަންނަކީ އުމުރުން ފަންސަވީސް އަހަރުގެ ޒުވާން ފިރިހެނަކީމެވެ. އައިޑީ ކާޑުގައި އޮތީ މުޙައްމަދު މާހިދު ނަމަވެސް އެންމެން ވެސް އަހަންނަށް ކިޔަނީ މާއްޓޭ އެވެ. އެ ނަމަކަށް އަހަރެން ޝަކުވާއެއް ނުކުރަމެވެ. މޫނުފޮތުގައި އެ ނަން ފެވީ އަހަރެންނެވެ. އަހަރެންގެ އެކަނިވެރި މި ހަޔާތަށް އައީ މީރާ އެވެ. އަހަންނާއި މީރާއާގެ ގުޅުމުގެ ބިންގާ ދަމައިލެވުނީ މޫނުފޮތުންނެވެ. އެ ފޮތުގައި ލިޔެވުނު ހުރިހާ ވާހަކަތަކަކަށް އެންމެ ގިނައިންކީ އެކަކަށްވީ ވެސް މީރާ އެވެ. މީރާއަކީ ކާކު ބަލަން އަހަރެން ހިތް ގޮވީ ވެސް އެހެންވީމަ އެވެ.

"އަހަންނަކީ މީރާ." ސަލާމަށް އަތްދިއްކޮއްލަމުން މީރާ ބުނެލި އެވެ.

ތަޢާރަފުގެ ދެތިން ޖުމުލައާ އެކު މީރާ ވަދެގަތީ އަހަރެންގެ ހިތަށެވެ. އަހަރެން ވެސް މީރާ ބޮނޑިކޮށްލުމަށްފަހު އަހަރެންގެ ހިތް އޭނާއަށް ހުޅުވާލީމެވެ.

"ވަރަށް ކޮންޕްލެކްސް ލައިފެއް. މާލޭގައި އުޅޭކަށް ބޭނުމެއް ނޫން. ބޭނުންވަނީ ރަށަށް ބަދަލުވާން."

މީރާގެ އެ ޖުމުލައިން އަހަންނަށް ކުރުވީ އާދަޔާ ޚިލާފު އަސަރެކެވެ.

އޭރު އަހަންނަށް ހުރެވުނީ މީރާގެ އަތުން ދޫކޮށް ނުލެވޭ ވަރަށް އެ އަތުގައި ހިފިފަ އެވެ. އޭނާގެ ދެއަތަށް ވާންކޮށްލެވިފައެވެ. އަހަންނަކީ ވެސް އެކަނި ހުރި ފުރާނައެކެވެ. ކޮޅުބަންދުވެ ނިމި ހުސްވެފައިވާ އާއިލީ މަތިކޮޅުގެ ނިމުން އޮތީ މަންމައާއި ބައްޕައާ ހަމައިގައެވެ. އުމުރުން ވިހި އަހަރުވީ އިރު އެ ހުރިހާ ކަމެއް ނިމި ދިޔަ އެވެ. އެކަނިވެރިކަމުގެ ފަރުދާ ނަގައިދީ އޯގާތެރިކަމުގެ ކުޑައިގެ ހިޔަލަށް އަހަރެނ ވައްދައިދިނީ ވެސް މީރާ އެވެ.

ކައިވެނީގެ ގޮށް ޖަހައިލެވުމާއެކު އަހަރެންގެ ދިރިއުޅުން މީރާގެ ރަށަށް ބަދަލުކުރީމެވެ. ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ ވައި ހިނދިފައިވާ ދުވަހަކު ކަނޑުގައި ދަމައިލި ރޮނގެއް ފަދައިންނެވެ. އެހައި އަވަހަށެވެ. ވަޒީފާގެ ކަންކަން ހަމަޖެހުނެވެ. މީރާގެ ރަށަށް ހޭނިލައި އެ ރަށުގެ މީރު ފެން އަރުތެރެއަށް މީރުވާން ފެށި އެވެ.

މީރާގެ އާއިލާއަކީ ވެސް ކުޑަ އާއިލާއެކެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ބޮޑު ދައިތަ އެވެ. ބޮޑުދައިތައަކީ އޭނާގެ ދިރުމެވެ. މީރާ މީރާއަކަށް ހަދައިދިން މީހާ އެވެ.

"ބޮޑުދައިތަ ބޭނުންވަނީ އަހަރެން މި ރަށުގައި އުޅެން. ބޮޑުދައިތަ ބަލިވުމުން ވެސް ބޭނުމެއް ނުވި މާލެ ބަދަލުވާކަށް." މީރާ އޮތީ އަހަރެންގެ މުލައްދަނޑީގައި ބޯ އަޅައިލައިގެންނެވެ.

"ކީއްވެ ލައިފް ކޮންޕްލެކްސްއޭ ބުނީ؟" އަހަރެންގެ ސުވާލު ތަފާތުކޮށްލީމެވެ.

ކައިވެންޏަށްފަހު ހުރިހާ ކަމެއް އަހަންނަށް ވެސް އެނގެން ޖެހޭނެ ކަމަށް ވިސްނޭތީ އެވެ. އެކަން ގަބޫލުކުރެވިގެންނެވެ.

"ކިޑެއް ބޭނުން. ވަރަށް އަވަހަށް." ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މީރާ ފެށީ އެހެން ވާހަކައެކެވެ.

"ކޮބާ މަގޭ ސުވާލުގެ ޖަވާބު؟"

"ލިބޭނެ. އަދި ވަގުތެއް ނުޖެހޭ." މީރާ ހީނލަމުން އަހަރެންގެ މޫނަށް ބޮސްދިނެވެ.

މާމުއި ހަނދުގެ މޫސުން ނުނިމެނީސް މީރާގެ ތުންފަތުގައި ދެ ހިނިތުންވުން އެކުގައި ތަތްވި އެވެ. އޭނާގެ މޫނުމަތިން ދުވަހަކު ވެސް ނުފެންނަހާ ތާޒާ ހިނިތުން ފެނި އަހަންނަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށި އެވެ.

"ތޭންކްސް، ދެން ދިރިއުޅުން ކާމިޔާބުވީ. މިހާރު އަހަރެން ބޭނުން ހުރިހާ ކަމެއް ވެ މި ނިމެނީ." މީރާގެ ބަނޑުގައި ފިރުމައިލަމުން ބުނެލި އެވެ.

"ބޮޑުދައިތަ ވަރަށް ބައްޔެއްނު. ވިހަން މާލެދާއިރު ގޮވައިގެންދާންވީނު." އަހަރެން ބުނެލީމެވެ.

"ބޮޑުދައިތަ ބޭނުމެއް ނުވާނެ. އެނގެޔެއްނު ބޮޑުދައިތަ ބުނާ ވާހަކަ. އެއީ މުސްކުޅި ބައްޔޭ. ފަރުވާއެއް ނެތޭ. އެހެން ނޫނަސް ބޮޑުދައިތަ ދިޔައީމަ މި ގެ ފަޅުވާނެ. މާއްޓޭ ގެއަށް އަންނަ އިރު މަރުހަބާ ކިޔާނެ މީހަކު ގޭގައި ހުންނަންވާނެ ދޯ." މީރާ ފަރުވާ ކުޑަ ގޮތަކަށް ބުނެލި އެވެ.

"މީރާ، އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟" އަހަންނަށް ނޯވެވިގެން ބުނެލެވުނެވެ.

"ކީއްވެ ތިހެން ހިތަށް އަރަންވީ؟" މީރާގެ ދެ ލޯ ބޮޑުވި އެވެ.

"ވަރަށް ދުވަސްވެއްޖެ މިހެން އަހަން އުޅޭތާ ވެސް،" އަހަރެން ބުނެލީމެވެ. "އެންމެ ފުރަތަމަ ދިމާވި ދުވަހު އެ ބުނެލި ވާހަކަ އަދިވެސް ހަނދާން އެބަހުރި."

"އާނ! ވަރަށް ކޮންޕްލެކްސް ލައިފެއް،" މީރާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ. "އަހަރެން ބުނާ ކަމަކަށް ވައުދުވަން ކެރޭނެތަ؟"

"ވައުދު؟"

"އާނ! އަހަރެންގެ މި ލޯބީގެ ނިޝާން ރަނގަޅަށް ބެލުން. ކޮންމެ ހާލެއް ޖެހުނަސް އަހަރެންގެ މި ހަނދާން އަމާނާތެއްގެ ގޮތުގައި ބެލުން." މީރާ ބޯ އަޅައިލީ އަހަރެންގެ މޭ މަތީގަ އެވެ.

އަހަރުމެން ތިބީ އެނދުގައި އޮށޯވެލައިގެންނެވެ. އެއީ ނިދުމުގެ ކުރީން އަހަރުމެން ކުރާ ކަމެކެވެ. ކޮންމެ ދުވަހެއްގެ ޚުލާޞާ ބަޔާން އިއްވުމެވެ. އެ ދުވަހެއްގެ ޔައުމިއްޔާ ފާސްކުރުމެވެ. އަންނާން އޮތް ދުވަހުގެ ތާވަލު ރޭވުމެވެ. ކަމާކެމި އެކުލަވާލުމެވެ.

"ތީ ހަމައެކަނި މީރާގެ ދަރިއެއްތަ؟" ލާނެތް ފާޑަކަށް އަހަންނަށް ހީނލެވުނެވެ.

"ހަމައެކަނި މާއްޓޭގެ،" މީރާ އަޑު ކުރެހެމުން ދިޔަ ކަން އިހުސާސްކުރެވުނެވެ. "މި ދަރިފުޅުގެ މީހަކަށްވާނީ ހަމައެކަނި މާއްޓޭ. ދަރިފުޅުގެ ބައްޕައަކަސް، މަންމައަކަސް، މާމައަކަށް ވެސް، ކާފައަކަށް ވެސް."

"މާނައަކީ މީރާ ފިލާނީއޭތަ؟" އަހަންނަށް ވިސްނުނީ އެހެން ގޮތަކަށެވެ.

މީރާ އެނދުން ތެދުވި އެވެ. އޭނާ ގޮސް ހުއްޓިލީ އަލަމާރި ކައިރިއަށެވެ. އަލަމާރިން ނެގީ ފައިލެކެވެ. މީރާ ނެގި ފައިލް އަހަންނަށް ދިއްކޮށްލި އެވެ. އަހަންނަށް ކުރެވެމުން ދިޔަ ހީތައް ޔަގީންވާން ފެށި އެވެ. މީރާގެ ވާހަކަތަކާއި އޭނާ ބުނެލާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައި ކޮންމެ ވެސް ބޮޑު ވާހަކައެއް އޮތްކަން ހާމަވަމުން ދިޔަ ދިޔުން ނިމުމަކަށް އައެވެ.

"އާނ! އަހަންނަކީ ވަގުތީ މެޚްމާނެއް. އޮތީ މަދު ދުވަސްކޮޅެއް." މީރާ ފެންކަޅިވި އެވެ. "ދަރިފުޅު އުފަންވާނީ އިރު އަހަންނަށް ޖެހޭނީ ފުރަން. މާދުރަށް ދާން. ދަރިފުޅުގެ ރުއިމުގެ އަޑު ވެސް ނީވޭހާ ދުރަށް. އަހަންނަށް މަޢާފުކުރާތި! މި ހުރިހާ ވާހަކައެއް ސިއްރުކުރާން ޖެހުނީތީ އަހަރެން މަޢާފަށް އެދެން."

"ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ.

"އަހަރެންގެ ހަޔާތަށް އައި ކޮންމެ މީހަކު ވެސް އަހަރެން ދޫކޮށްލި މައިގަނޑު ސަބަބަކަށްވީ އަހަރެންގެ މި ބަލި. މި ބަލީގެ އަސްލު އެނގޭއިރަށް ކޮންމެ މީހަކު ވެސް އަހަރެން ދޫކޮށްލާ. ލޯބިވެރިއެއްގެ ގޮތުގައި އަހަރެންގެ ފޮޓޯ އަލްބަމަށް ލީ ކޮންމެ މީހެއްގެ ފޮޓޯ ގަނޑު އިރާލަން ޖެހުމުގެ އަސްލަކަށްވީ ވެސް މި ބަލި." މީރާ ގިސްލަމުން ގިސްލަމުން ކިޔައިދިނެވެ.

އަހަރެން އޮތީ ނޭވާ ހިފަހައްޓައިލައިގެންނެވެ. މީރާގެ ވާހަކަތައް އަޑު އަހާށެވެ.

"މާއްޓޭ އަހަރެންގެ ދުރުމީގެ ލެންސަށް އެރީ މާއްޓެއަކީ އެކަނިވެރިއަކަށްވީތީ. އާއިލާގެ މީހަކު ނެތީތީ،" މީރާ ނޭވާ ބޭރުކޮށްލި އެވެ. "އާނ! އަހަންނަށް ޔަގީންވީ އަހަރުމެންގެ ގުޅުމަށް ހުރަސް އަޅާނެ މީހަކު މާއްޓޭގެ އާއިލާގައި ނުހުންނާނެކަން. ދެން އޮތީ ދިރިއުޅުން މާލެއިން މި ރަށަށް ބަދަލުކުރި ސަބަބު ދޯ."

އަހަންނަށް ބޯ ޖަހައިލެވުނެވެ. މީރާ ރޮމުން ގިސްލަމުން ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހާކަން އޭނާއަށް އިހުސާސްވާނޭހެން އަހަރެން އިނީމެވެ. ކަނުލައި އަޑު އަހާށެވެ.

"މިއީ ބޮޑުދައިތަ ބޭނުންވާ ގޮތް،" މީރާ ނޭވާ ބޭރުކޮށްލި އެވެ. "ޑޮކުޓަރުން ވެސް ލަފާދިން ގޮތް. ޑޮކުޓަރުންގެ ލަފަޔަކީ އުފާވެރި ހިތްހަމަޖެހޭ ތަނެއްގައި ދިރިއުޅެ ހަޔާތުގެ ފަހު ދުވަސްތައް ގުނުން. އަހަރެން މި ހޭދަކުރި ނުވަމަހަކީ އަހަރެންގެ ހަޔާތުގައި ހޭދަކުރާނެ އެންމެ އުފާވެރި ނުވަ މަސް."

މީރާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އޭނާ އެ ހުރިހާ ވާހަކައެއް މިރޭ ކިޔައި އެ ދިނީ ވެސް ސަބަބެއް ނެތި އެއް ނޫނެވެ. އޭނާގެ ބަނޑަށް ދުވަސްފުރި ވިހާނެ ކަމަށް ޑޮކުޓަރުން ދިން ވަގުތު ގުނާން ފެށޭނީ ދެ ދުވަހެއްގެ ފަހުން ކަމަށްވާތީއެވެ.

ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ހިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. ތުއްތު ކުއްޖަކު ރޮއެލިހެން ހީވެގެންނެވެ. ވަށައިގެން ހޯދައިލެވުނެވެ. އަތުގައި އޮތް ލޯބިލޯބި ފުށްގަނޑަށް ބަލައިލެވުނެވެ. އެއީ އަހަރެންގެ ލޯބީގެ ނިޝާނެވެ. އާއެކެވެ. މީރާ އަހަންނަށް ދިން ހަދިޔާއެވެ. މީރާގެ ނިޝާނެވެ. މީރާގެ ޖަނާޒާގެ ކަންކަން ނިންމުމަށްފަހު އަހަރެން ދަރިފުޅު ގޮވައިގެން ރަށަށް އައުމާއެކު އޭނާގެ ހަނދާންތައް ވަށައިލީ އެވެ. މީރާގެ އަޑު ވަށައިގެން އެނބުރޭން ފެށީ އެވެ.

މީރާއަކީ ހިތްވަރުގަދަ މީހެކެވެ. ސިކުނޑީގެ ކެންސަރާ އޭނާ ހަނގުރާމަ ކުރީ އެކަން މީހަކަށް ނޭނގޭހާ ސިއްރުންނެވެ. ޑޮކުޓަރުގެ ލަފަޔާއި ބޭހުގެ އެހީގައި އޭނާ ހޭދަ އެ ކުރީ އުފާވެރި ދުވަސްތަކެކެވެ. ޚުދު އަހަންނަށް ވެސް އެކަން ނޭނގުނެވެ. ސުވާލުތަކެއް ބޮލުގައި ހުއްޓަސް އޭނާ އެކަން ހަމަޖައްސާލަނީ އެހައި މޮޅަށެވެ.

އަހަންނަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ބޮޑު ދައިތަ އެވެ. އޭނާގެ ބަލި އަޑުން އަހަންނަށް ގޮވާލި އެވެ. "ދޮންސޮރާ!"

އެއީ މީރާ އަހަންނަށް ލޯބިން ކިޔާ ނަމެވެ. ފަހުން ބޮޑު ދައިތަ ވެސް އެ ނަން ކިޔާން ފެށީ އެވެ. ނަމަވެސް އެ ނަން އަހަރެން ދޭންބޭނުންވީ ދަރިފުޅަށެވެ. މީރާގެ ހަނދާނުގަ އެވެ. މީރާގެ ޒިކުރާތައް ދިރުވުމަށެވެ.

"ދޮންސޮރު." ބޮޑުދައިތައަށް ދަރިފުޅު ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox