ގެދޮރު ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކާ މެދު ސަމާލުވުމަށް ޕީޖީ އޮފީހުން އިލްތިމާސް ކުރައްވައިފި އެވެ.
އެ އޮފީހުން ބުނީ ގެދޮރު ކުއްޔަށް ދިނުމުގެ ނަމުގައި ސައްހަ ނޫން ލިޔެކިޔުންތައް ތައްޔާރުކޮށް، އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ވަރަށް ގިނައިން ހުށަހެޅޭ ކަމަށެވެ.
އެގޮތުން އާންމުކޮށް އެފަދަ އޮޅުވާލުންތައް އޮޅުވާލައިގެން މީހުންގެ އަތުން ޓެކުމުގެ ކަންކަން ހިންގަނީ ގޭގެ ވެރިފަރާތުގެ އަތުން ތަނެއް ހުއްޔަށް ނެގުމަށްފަހު ކުއްޔަށް ހިފާ ފަރާތުން ގޭގެ ވެރިފަރާތާއެކު ހަދާ އެއްބަސްވުމަށް ބަދަލު ގެނެސްގެން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އެޕާޓުމަންޓަކީ އޭނާގެ ބާރު ހިނގާ ތަނެއްކަމަށް ފެންނަ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނެސް އުފައްދާ ސައްހަ ނޫން ލިޔެކިޔުންތައް ބޭނުން ކޮށްގެން އެހެން ފަރާތްތަކަށް ދިގުމުއްދަތަށް އެތަން ކުއްޔަށްދޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެފަދަ މީހުން އާންމުކޮށް މީހުންގެ އަތުން އޮޅުވާލައިގެން ލައްކައިން ފައިސާ ނަގާ ކަމަށާއި އެފަދައިން އޮޅުވާލާ އޮޅުވައިލުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބު ލިބޭ ކަމެއްކަން ވެސް އެ އޮފީހުން ވަނީ ހަނދާން ކޮށްދީފަ އެވެ.

މަކަރާއި ހީލަތުން އެފަދަ އަމަލުތައް ހިންގާ މީހުންގެ މަޅީގައި ނުޖެހި ސަލާމަތްވުމަށްޓަކައި އަމިއްލައަށް ވެސް ސަމާލުވާންވީ ކަންތައްތަކެއް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެ އެވެ. އެއީ:
- ކުއްޔަށް ދޫކުރާ މީހާއަކީ ހަގީގަތުގައިވެސް އެބުނާ މުއްދަތަކަށް އެތަން ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުން.
- ޝައްކުވާ ހާލަތްތަކުގައި ގޭގެ އަސްލު ވެރިފަރާތާއި ބައްދަލުކޮށް، އަސްލު ކަން އޮތްގޮތް އޮޅުންފިލުވުން.
- އެފަދަ މުއާމަލާތްތަކުގައި ބޭނުން ކުރާ އެންމެހައި ލިޔެކިޔުމާއި ފައިސާ ދެއްކި ކަމުގެ ލިޔުން ފަދަ ތަކެތި ރައްކާކުރުން.
ޕީޖީ އޮފީހުން މިފަދަ އިލްތިމާސްއެއް ކޮށްފައި ވާއިރު، ރާއްޖޭގައި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، މާލެ ސަރަހައްދުގައި މިފަދަ މައްސަލަތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވެސް އެފަދަ 15 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.














