މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައްޔާއި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން 'ލިޓްލް ވޮންޑާސް' ގެ ނަމުގައި އެސްޓީއޯއިން ޕްރޮގުރާމެއް ފަށައިފި އެވެ.
އެސްޓީއޯ ޓްރެއިނިން ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމު އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އޮފް ޕީޕަލްސް އޮޕަރޭޝަންސް، މަރިޔަމް ނުޒުލާ އެވެ.
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގުރާމަކީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކުދިން މަސައްކަތު ގަޑީގައި އިތުބާރު ހިފޭ ޑޭ ކެއާ ފެސިލިޓީއެއްގައި ބޭއްތިއްބުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ފެށި ޕްރޮގުރާމެކެވެ.
އެސްޓީއޯގެ އަމިއްލަ އިސްނެގުމުގެ މަތިން ފެށި އެ ޕްރޮގުރާމުގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަދު ފެށި އެ ޕްރޮގުރާމުގައި އަށް އަހަރަށް ވުރެ ހަގު ކުދިން ތިބޭ އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮގުރާމުގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކު އިހުތިޔާރު ކުރާ ޑޭ ކެއާއެއްގައި (ރެޖިސްޓަރީ ކޮށްފައިވާ) ކުދިން ބޭތިއްބުމަށް އެހީގެ ގޮތުގައި 2500ރ. އާ ހަމައަށް އެސްޓީއޯއިން ދޭނެ އެވެ.

"ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެޖިސްޓަރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެޖިސްޓަރީވުމުގެ އިހްތިޔާރު ދޫކޮއްލުން،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އެކަން ހަމަޖެއްސީ މުވައްޒަފުންނަށް އެ ޕްރޮގުރާމުގެ ފޮނިމީރުކަން އެންމެ ފުރިހަމައަށް ލިއްބައިދިނުމަށް ކަމަށެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ ވަޒީފާތަކުގައި ދެ ޖިންސުގެ މީހުން ވެސް ވަޒީފާ އަދާ ކުރަމުން ދެއެވެ. މިއަދު މި ފެށި ޕްރޮގުރާމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް އެ ކުންފުނީގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ލިޓްލް ވޮންޑާސް ޕްރޮގުރާމަކީ ފާއިތުވި އެއް އަހަރު ދުވަހު އެކިވަރުގެ ސާވޭތައް ކުރުމަށްފަހު ފެށި ޕްރޮގުރާމެއް ކަމަށް އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ. އަދި, އެސްޓީއޯއިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













