ތުރުކީ އަދި ސީރިއާ ގުޅޭ ސަރަހައްދަށް ހޯމަ ދުވަހު އައި ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އެ ދެ ގައުމަށް އެހީގެ ގޮތުގައި އެއް މިލިއަން މަސްދަޅު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިންހެލުމާ ގުޅިގެން ތުރުކީ އަދި ސީރިއާގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާވިދާޅުވެފައިވާ ކަމަށެވެ.
މީގެއިތުރުން މި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރާއްޖެއިން ދޭ އެހީއެއްގެ ގޮތުގައި އެއް މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
މި ގަރުނުގައި މެދު އިރުމަތީގެ ސަރަހައްދަށް އައި އެންމެ ގެއްލުން ބޮޑު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21،000 އިން މައްޗަށް އަރާފަ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު ވަނީ 75،000 ހުރަސްކޮށްފަ އެވެ. ދުނިޔޭގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި 23 މިލިއަން މީހުންނަށް މި ބިންހެލުމުގެ ސީދާ އަސަރު ކުރާނެ އެވެ.
އެގޮތުން ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާ އަދި މިހާރު ދުނީގެ އެންމެ ގިނަ ރެފިއުޖީން ތިބި ތުރުކީއަށް މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގެ ސަބަބުން ގެއްލުންވި ގިނަ ބަޔަކަށް ވަނީ އިތުރު ތަކުލީފެއް އުފުލަން ޖެހިފަ އެވެ.

ރާއްޖޭގެ ސަރުކާރުން ދެ ގައުމަށް އެއް މިލިއަން މަސްދަޅު ހަދިޔާ ކޮށްފައިވާއިރު، ރާއްޖޭގެ މަޝްހޫރު އެތެރެ ހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީވެސް ވަނީ ބިންހެލުމުގެ ސަބަބުން އަނިޔާވި ފަރާތްތަކަށް އެހީވުމަށް ތުރުކީއަށް ގޮސްފަ އެވެ.













