ތުރުކީ އަދި ސީރިއާ ގުޅޭ ސަރަހައްދަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ މަޝްހޫރު އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ތުރުކީއަށް ގޮސްފި އެވެ.
ޑރ. މުހައްމަދު އަލީ ތުރުކީއަށް ގޮސްފައިވަނީ އެކި ގައުމުތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވަމުންދާ ދިވެހި ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެންނެވެ.
މި ގަރުނުގައިވެސް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21،000 އިން މައްޗަށް އަރާފަ އެވެ. އަދި އެކިވަރުގެ އަނިޔާވި މީހުންގެ އަދަދު 75،000 އިން މަތީގައި އުޅޭއިރު މި އަދަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
މީހުން ސަލާމަތް ކުރުމަށް ތުރުކީ އަދި ސީރިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނަމުންދަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ތުރުކީއަށް ފުރުމުގެ ކުރިން ޑޮކްޓަރު މުހައްމަދު އަލީ ސޯޝަލް މީޑިއާގައި ވަނީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަން ފާހަގަކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުންނާއި އިންސާނީ އެހީގެ ބޮޑެތި ޖަމާއަތްތަކުން މިވަގުތު ސީރިއާ އަދި ތުރުކީއަށް ދަނީ އެކި މިންވަރުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އައިއޭސީގެ ޓީމާއެކު ޑރ. މުހައްމަދު އަލީ އެ ގައުމުގައި މަޑުކުރާނެ މުއްދަތެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މިދިޔަ އަހަރު ޑރ. މުހައްމަދު އަލީ ވަނީ އައިއޭސީގެ ޓީމާއެކު ބަންގަލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ފަރާތްތަކަށް ޒިޔާރަތްކޮށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.












