ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމް ބަދަލުކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި އެ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ހުކުމްކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އަމުރުކުރި އެވެ.
ސިވިލް ކޯޓުގެ ގާޒީ ރިޒުމީނާ އިދުރީސް މިދިޔަ އާދީއްތަ ދުވަހު ނެރުއްވާފައިވާ ހުކުމުގައި ވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.
އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ، އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައިވެ އެވެ.
ބޭރުގެ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމަށް ފަހު ކަމަށް ހައި ކޯޓުން ކުރިން މި މައްސަލާގައި ނިންމާފައި އޮތުމުން، ސިވިލް ކޯޓަށް ސަން ޓްރެވެލް އިން ހުށަހަޅައި އެ ނިންމުން ބަލައިނުގަތުމަށް އެދިފައިވެ އެވެ.

ސަން ޓްރެވެލް ކުންފުނިން ބުނަމުން އައީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައިނުވާ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން، މައްސަލާގައި ގޮތެއް ނިމެންދެން ސަން ޓްރެވެލްގެ އެކައުންޓްތައް ވެސް ކުރިން އޮތީ ހިފަހައްޓައިފަ އެވެ. އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
މުހިންމު ބައެއް ހަބަރު
އަދުލު އިންސާފު ގާއިމުކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށާއި، އިންސާފު ގާއިމު ކުރެވޭނީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މުޅި ޖުޑިޝަރީ އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ ގުޅޭ ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން، ތުރުކީގައި ދިރިއުޅެމުންދާ ދިވެހީންނަށް އެއްވެސް އަސަރެއް ކޮށްފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއިން ދިވެހި ދައުލަތާ ދެކޮޅަށް، ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން މައްސަލައިގެ ތަހުގީގުގައި ހަނުހުރި ނަމަވެސް އޭނާގެ ހެކިތައް ބަލައިގަތުމަށް ކޯޓުން ނިންމި އެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގެ ދުވާރުގެ ބޮޑުމިން ފުޅާވެފައި، އެއްގަމު އުޅަނދުތައް ދުއްވަން އޮންނަ މަގުގެ ޖާގަ ކުޑަކަމަށް ޝަކުވާތަކެއް ހުރި ނަމަވެސް އޭގައި މައްސަލައެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
ދުވަހުގެ ކޯޓޭޝަން
ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛
އަދުލު އިންސާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ސިއްހަތު ސަލާމަތް ކުރުމުގައި ވެސް، އަދި ތައުލީމު ހޯދުމުގައި ވެސް އެ މީހަކަށް ހައްގު މިންވަރު ލިބުން، މާތް ﷲގެ ވާގިފުޅާ އެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން މި އައީ އެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
ދުވަހުގެ ފޮޓޯ

ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












