ބ. އަަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ފެޅި މައްސަލައެއް ފުލުހުންނާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، ބ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ވެލާ ފަޅާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހަވީރު 16:38 ހާއިރު ކަމަށެވެ. މި މައްސަލަ އީޕީއޭއަށް ރިޕޯޓުކޮށްފައިވާނެ ކަމަށާއި، މިހާރު ފުލުހުން ވެސް ދަނީ މިކަން ތަހުގީގުކުރަމުން ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "އަދަދު"އަށް ވިދާޅުވީ ވެލާ ފަޅާފައި ވަނީ ބ. އަތޮޅު ކެޔޮދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ކަމަށެވެ.
އެމީހުން ވަނީ ވެލާގެ މަސް ނަގައި، އޭގައިން ތެޔޮ ހޭނާފައި ކަމަށް ނައީމް ވިދާޅުވި އެވެ. އަދި އީޕީއޭއިން ވެސް ދަނީ އެ މައްސަލަ ބަލަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ވެލާ ކަހަނބުގެ ދިރުންްތައް މުޅި ދުނިޔެއިން ވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެތަކެއްޗަށް ގެއްލުން ދިނުމާއި، އެތަކެތީގެ މަސްކެއުމުގެ ބޭނުމުގައި މަރަމުން ދިއުމަަކީ މަނާ ކަމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ވެލާ ކަހަނބު ވަނީ ފުރިހަމައަށް ހިމާޔަތްކޮށްފަ އެވެ.
ވެލާ ބިސް ވިއްކުން މަނާކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ. 2006 ވަނަ އަހަރު ވެލާ ކަހަނބު އަރާ 14 ރަށަކުން ބިސްނެގުން މަނާކުރި އެވެ.













