މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީން ހޮވާފައި ވަނީ އެ ޕާޓީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކެންޑިޑޭޓެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ދޮންމަނިކު ސީވިއު ރެސްޓޯރެންޓްގައި ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޕްރައިމަރީން ނިންމާފައިވާ ނިންމުމަކީ އެމްޑީޕީއަށް މޮޅުވެވޭ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށް މޮޅު ވެވޭ ގޮތަކަށް ނިންމާފައި އޮތް ރިޔާސީ ޕްރައިމަރީއެއް ނޫން، މިވަގުތު އަޅުގަނޑުމެން އަތުގައި ނަތީޖާ މިއޮތީ،" އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތް ވުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ޕާޓީ މޮޅުވާނެ ގޮތަށް ކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިހާބު އެއީ އެމްޑީޕީއަށް ގެއްލޭ އެއްޗަކަށް ހެދޭކަށް ނެތް ކަމަށެވެ. އަދި، ގެއްލިދިއުމަށްވުރެ މި އަހަރުގެ އިންތިހާބަކީ މާ މުހިންމު އިންތިހާބެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީއިން އެމަނިކުފާނު ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.
ވަކިން ގޮތްޕެއް ހެދުމަށް ޕާޓީގެ ގަވާއިދު ޖާގަ ނުދޭ ކަމަށް ފައްޔާޒް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ގޮފިތަކުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށާއި އެކަން ވާނެ ކަމަށެވެ.
"އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމާއި، ވޯޓު ހޯދައިދޭން މަސައްކަތް ކުރުން އަދި ވޯޓު ދިނުމަކީ މެންބަރެއްގެ ހައިސިއްޔަތުން މަސްއޫލިއްޔަތެކެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، އެއްވެސް ގާނޫނެއްގެ، އެއްވެސް އަސާސީ ގަވައިދެއް، އަދި ގާނޫނުއަސާސީއަށް ވީ ނަމަވެސް ވަކިވަކި މާއްދާތައް އެކަނި ނަގައިގެން ކިޔައިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ކިޔާއިރުގައި މުޅި ގާނޫނުއަސާސީ ކިޔަން ޖެހޭނެ ކަމަށެވެ.
"އެއީ ގާނޫނީ އާންމު ހަމައެއް. ވަކި މާއްދާއެއް ނަންގަވާފައި ވަކި އެއްޗެއް ބުނާއިރުގައި ވަކި ގޮތަކަށް މާނަ ނެރެވޭނެ" އެމްޑީޕީގެ އަސާސްތަކަކާ ހިލާފު ނުވާނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓާއެކު އެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބުގައި 40،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހުޅުވާފައިވާ އެކި އެކައުންޓުތަކުގައި 44 މިލިއަން ރުފިޔާ ހުރި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން 53 މައްސަލައެއް، އެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅީ އިއްޔެ އެވެ.
- ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ސީދާ" މަސްލަހަތެއް ނެތް ކަމަށް، އެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ކުރިއަށްގެންދަވާނެ ކަމަށް ހާމަކުރައްވަމުން ޕްރައިމަރީން ބަލިވި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ؛
އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،
ދުވަހުގެ ފޮޓޯ

ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުން އަދި ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވުން. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












