ރާއްޖޭގެ ކަނޑުގެ ނިޔަމިކަމުގެ ޗާޓެއް އެކުލަވާލުމަށް ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އިން ބުނެފި އެވެ.
މި ސާވޭ ކުރިއަށް ގެންދާ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 28، ގެ ނިޔަލަށް އިހަވަންދިއްޕޮޅު ސަރަހައްދުގަ އެވެ. އެ ސާވޭއަކީ އެމްއެންޑީއެފްް އާއި އިންޑިއާގެ ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ.
އެ ސާވޭ ކުރިއަށް ގެންދިއުމަށް ކުދި ބޯޓުފަހަރު ބޭނުންްކޮށްގެން ޖޮއިންްޓު ޓީމްތަކުން ހަރަކާތްތެރި ވާނެ އެވެ. އަދި ކޯސްޓުލައިން ކުރެހުމަށް ރަށްރަށުގެ އައްސޭރީގައި ޖީޕީއެސް ރިސީވަރާއެކު ހަރަކާތްތެރިވާނެ އެވެ. މި ސާވޭގަައި ކޯސްޓުގާޑާއި ސިފައިން ވެސް ބައިވެރިވާނެ އެވެ.
އެ ސާވޭ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ވެސް މިހާރު އޮތް ޗާޓުގެ ބަދަލުގައި އަލުން ސާވޭކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޗާޓެއް އެކުލަވާލުން ކަމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އިން ބުނެ އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓަކީ މީގެ ސަތޭކަ އަހަރު ކުރިން ބްރިޓިޝް އެޑްމިރަލްޓީއިން ކުރަހާފައިވާ ޗާޓެކެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އިން ބުނީ އެ ޗާޓާއި ދިމާނުވާ އެތައް ޖީޕީއެސް ޕޮޒިޝަންތަކެއް މިހާރު ރާއްޖެ ސަރަހައްދުގައި ހުރި ކަމަށެވެ. ނަތީޖާއަކަށް ވަނީ އޮޑިދޯނި ފަހަރު ފަސޭހައިިން ފަރަށް އެރުން ފަދަ ހާދިސާތައް ހިނގުން ކަމަށް ވެސް މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް ވަނީ ބުނެފަ އެވެ.














