ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ އާއި ޕީޕީއެމް ވެސް ބާކީކޮށްލާފައިވާ ކަމަށާއި އެހެންވެ، ދިވެހިންގެ ބޮޑު ބައެއް ބާކީކޮށްލެވިފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ހުވަދޫ އަތޮޅުގެ ރަށްރަށަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި، އެމްޑީޕީ އާއި ޕީޕީއެމަށް ދިވެހިންގެ 90 ޕަސެންޓު މީހުންގެ ތާއީދު އެބަ އޮތް ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
"ފުރަތަމަ ވެސް ޕީޕީއެމް އެއްކޮށް އެބަ ބަކީވޭ، ވެރިކަމުގައި ހިއްސާއެއް ނެތުމުން، އިއްތިހާދުގެ ބައިވެރިންނަށް ސަރުކާރުގެ 60 އިންސައްތަ ދޫކޮށްލީމައި، އެމްޑީޕީ ވެސް ބޮޑުކޮށް ބާކީކޮށްފައި، ދެން މުޅި ރާއްޖެ މި އޮތީ ބާކީވެފަ،" މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ހުންނެވި ނަޝީދު ވިދާޅުވީ އިއްތިހާދުގެ ތާއީދު ނެތި ވެރިކަން ނުލިބޭނެ ކަމަށް ރައީސް ސޯލިހު ޖައްސަވާ ހިސާބު ރަނގަޅެއް ނޫން ކަމަށެވެ.
ރަނގަޅު ސިޔާސަތުތަކެއް އެމްޑީޕީން ހުށަހަޅަމުން ދިއުމުން އެމްޑީޕީގެ މަގުބޫލުކަން އިތުރުވަމުން އަންނަ ކަމަށް، ދެ ފަހަރުމަތިން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވި ނަޝީދު ގަބޫލުކުރައްވަ އެވެ.

ނަމަވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބަދަލުގައި ކޯލިޝަންގެ އެހެން ބައިވެރިން ރުއްސަން އޮތް ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރުމުން ގެއްލެމުންދާ ތާއީދު މާ ބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މި އިއްތިހާދު މިއީ ދެން ވަރަށް ބޯދާ ބަޔެއް، ވިސްނުމެއް ނެތި، ކުރިއަށް ދާނެ ގޮތުގެ ތަސައްވުރެއް ނެތި، ހަމަ ކުރިން ވެސް ކުރަމުން އައި ކަންކަން ކޮށްލަ ކޮށްލަ ތިބުމުގެ ވިސްނުމުގައި ތިބި ބައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ޕްރައިމަރީން ނިންމީ ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ވެސް ނަޝީދު އެކަންޏެވެ. ނަމަވެސް އޭރު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނެވެ. ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެހެންވެގެނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި ރައީސް ސޯލިހު ނިކުންނެވީ، އޭރު އިދިކޮޅުގައި ތިބި ޕާޓީތައް ހިމެނޭ ގޮތަށް ކޯލިޝަންގެ ތާއީދާއެކު ކޯލިޝަންގެ ކެންޑިޑޭޓެއް ގޮތުގަ އެވެެ. ރައީސްކަމަށް އިންތިހާބުވާން ބޭނުންވާ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު މިހާތަނަށް ވެސް ހަމަކުރެވިފައި ވަނީ އެހެން ޕާޓީތަކުގެ ތާއީދު ހޯދައިގެން ކޯލިޝަން އުފައްދައިގެނެވެ.











