ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން ދިޔުމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުވެ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަޔަޝަންކަރު ވިދާޅުވީ 2020 ވަނަ އަހަރުނެ ފެށިގެން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް އިތުރު ކަމަށާއި އެކަމާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވުމުން އިންޑިއާގެ އެތައް ބަޔަކަށް ރާއްޖޭގެ އުތުރުގެ މި ރީތި ރަށްތައް ބަލާލަން ވަރަށް ފަސޭހައިން އައުމުގެ ފުރުސަތު ފަހިވެގެންދާނެކަން،" ޖަޔަޝަންކަރު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
އަގު: 136 މިލިއަން ޑޮލަރު
ކެޕޭސިޓީ: އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

ރަންވޭ: 2،46 ކިލޯމީޓަރު
އޭގެ އިތުރުން އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕުރޮޖެކްޓުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި އެ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތަށް މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ.
ޑރ. ޖަޔަޝަންކަރު ވަނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު، ނަރެދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހު ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ.
އަދި އިންޑިއާގެ ސިޔާސަތަކީ އެންމެ ފުރަތަމަ އަވައްޓެރިންގެ ސިޔާސަތު ކަމަށާއި އަވައްޓެރިންގެ ތެރެއިން ދިވެހިރާއްޖެއަކީ އިންޑިއާއިން އެންމެ ފުރަތަމަ އިސްކަންދޭ ގައުމު ކަން މޯދީ ފާހަގަކުރެއްވި ކަމަށް ޑރ. ޖަޔަޝަންކަރު ވިދާޅުވި އެވެ.
އެ ވިސްނުމުގެ ދަށުން އިންޑިއާއިން އަބަދުވެސް އަމިއްލަ ތަޖުރިބާ އާއި އިލްމު ހުރި މިންވަރަކުން އަވައްޓެރި ގައުމުތަކަށް އެހީ ފޯރުކޮށްދެމުން ދާ ކަމަށާއި އިންޑިއާއިން މަސައްކަތް ކުރަނީ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން އާލާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.











