ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ އެއްބަސްވުމުގައި ވާގޮތުން ސޮއިކުރާތާ 200 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމަން ޖެހެ އެވެ.
ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އޮތީ ނުފެށިފަ އެވެ.
އެ މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާއިރު، މަޝްރޫއަށް ޖުމްލަ 42.37 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ކުޅުދުއްފުށީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ، މަސައްކަތް ނުފެށި މިހާ ލަސްވެފައިވަނީ މި މަޝްރޫއުގެ ދަށުން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ލަސްވެގެން ކަމަށެވެ.

ނަމަވެސް އެ ކައުންސިލްގެ މެންބަރު އަލީ އަހުމަދު "އަދަދު" އަށް ވިދާޅުވީ މީގެ ކުރިންވެސް މި މަޝްރޫއުގެ ދަށުން ބައެއް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ކަމަށާއި، ގިނަ ދުވަސް ވެފައިވަނީ އީއައިއޭ ހެދުމުގައި ލަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.
މި މަޝްރޫއު ފަށާފައިމިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.
ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ރައީސް ސޯލިހު ބޭނުންކުރައްވާ ކަމަށާއި، އެއްވެސް ޕްލޭނެއް ނެތި ޕްރޮޖެކްޓުތައް ފައްޓަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކޮޅަށް ނުކުންނަވައިގެން ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ތުހުމަތު ކުރައްވަމުންނެވެ.
ނަޝީދުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުމަށާއި، އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލާފަ އެވެ.












