ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ފުލުހުންގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފުލުހުން ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ރައީސް އިލްތިމާސްކުރައްވާފައި ވަނީ ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ އިދާރާއަކީ ބޮޑު އެއް އާއިލާ ކަމަށާއި އެ އާއިލާގެ ބަދަހިކަމާއި ރީތިނަން ދެމެހެއްޓުމަކީ ހުރިހާ ފުލުހުންގެ ވެސް ޒިންމާއެއް ކަމަށެވެ.
"އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެ" ފުލުހުންގެ ހިދުމަތަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ އެންމެ އިސް ވާޖިމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުން ކަމަށާއި، ކޮންމެ އޮފސަރަކީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދ،ި މުޖުތަމައުގައި އުފެދޭ ނުރަނގަޅު އޮއެވަރުތަކުގެ ސަބަބުން ފުލުހުންނަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އެ ގޮންޖެހުންތަކާ އެކު ވެސް ދިވެހި ފުލުހުން މަތީ ދައުރެއް އަދާކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ފުލުހުންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި އާއި، އެތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ފުލުހުން އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ވެސް ފުލުހުންގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތަކުގެ ސަބަބުން އެފަދަ މައްސަލަތައް ސިއްރު ނުކޮށް، ރިޕޯޓު ކުރުން އިތުރުވެ، ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނާއި ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަގުފަހިވާ ކަމަށް ވެސް ރައީސް ވިދާޅުވި އވެެ.
އިތުރު ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފުލުހުން އެކަމަކާ ދެކޮޅަށް ކެނޑިނޭޅި މަސައްކަތް ކުރާ، ހަރުކަށި ފިކުރުގައި ޖެހުމުން ވިސްނުން ހުއްޓެނީ ޓެރަރިޒަމަށް ކަމަށެވެ. އަދި، ޓެރަރިޒަމާ ދެކޮޅަށް ފުލުހުން އަޅާ ފިޔަވަޅަކީ ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަގީންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ފުލުހުންގެ އެބަހުރި ކަމަށެވެ.
މިރޭ ދަސްވެނިވި ދަރިވަރުންނާ މުހާތަބު ކުރައްވާ ރައީސް ވަނީ ފުލުހުންގެ ހިދުމަތުގައި ސާބިތުކަމާއި، ތެދެވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކުރައްވާފަ އެވެ.
އަދި، ޓްރެއިނިން ހަދައިގެން ފުލުހުންގެ ހިދުމަތާ ގުޅުމަކީ ވަޒީފާއަކަށް ނުކުތުމަށްވުރެ މަތިވެރި ޒިންމާއެއް ކަމަށާއި، ފުލުހުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ސިފަތަކާއި، އަބަދުމެ ސާބިތުވެ ތިބެންޖެހޭ ސުލޫކީ މިންގަނޑުތަކަށް ކަމޭ ހިތުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވަރަށް ދަތި އުނދަގޫ ދަތިތަކެއްގެ ތެރޭގައި ތިން އަހަރު އުޅުމަށްފަހު ރާއްޖެ ދެމެހެއްޓިނިވި ތަރައްގީގެ އާ ދިމާލަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ފުލުހުންގެ އެއްބާރުލުން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.












