ހޭންޑްބޯލް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީގެ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޝަން ފޯ ސްޕޯޓްސް އިން ގުޅިގެން ހޭންޑްބޯލް ބޭސިކް ކޯޗިން ކޯހެއް ފަށައިފި އެވެ.
މިމަހުގެ 10-19 އަށް ކުރިއަށްގެންދާ މި ކޯހަކީ ހޭންޑްބޯޅަ ކޯޗުން ތަމްރީންކުރުމަށް މިދިޔަ އަހަރު ފެށި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ ދެ ވަނަ ކޯޗިން ކޯހެވެ. ޖުމްލަ އެކު، 30 ބައިވެރިންނާ އެކު ތިއަރީ އާއި ޕްރެކްޓިކަލް ކްލާސްތައް ވެސް ކުރިއަށްދާނެ އެެވެ.
މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދޭނީ ހޭންޑްބޯލް މޯލްޑިވްސްގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ދެ އިންސްޓްރަކްޓަރުން ކަމަށްވާ އިބްރާހިމް ހައިޝަމް އަބްދުﷲ އާއި އިބްރާހިމް ރަޝީދު އެވެ.
ހޭންޑްބޯލް ކޯޗުން ކޯސްތަކެއް ސިލްސިލާކޮށް ކުރިއަށްގެންދަން ޔޫތު މިނިސްޓްރީ އާއި ހޭންޑްބޯލް މޯލްޑިވްސް އިން ނިންމި މައިގަނޑު ސަބަބަކީ އަތޮޅުތަކުން މި ކޯސްތައް ހިންގުމަށް ގިނަ ރިކުއެސްޓްތަކެއް ލިބުމެވެ. އެ ގޮތުން މިދިޔަ އަހަރު ގިނަބަޔަކު މިކަމަށް އެދެމުންދާތީ ހުޅުވާލި ފުރުސަތުގައި ދެ ގަޑިއިރުގެ ތެރޭގައި 141 ބައިވެރިން ވަނީ ކޯހުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މިހާރު ކުރިއަށްދާ ހޭންޑްބޯލް ކޯޗިން ކޯހުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ
މި ބައިވެރިންގެ ތެރެއިން 35 ބައިވެރިންނާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު 4-12 އަށް ކޯޗިން ކޯހެއް ހިންގި އެވެ. މިހާރު ކުރިއަށްދަނީ މި ޕްރޮޖެކްޓްގެ ދެ ވަނަ ކޯހެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ކޯސްތަކެއް ހިންގަން އަންނަނީ ރާވަމުންނެވެ.
މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރުގެ ގިނަ މުބާރާތްތަކެއް އަތޮޅުތަކުގައި ހިނގަމުން އަންނައިރު ޔޫތު މިނިސްޓްރީ އާއި ހޭންޑްބޯލް މޯލްޑިވްސްގެ އަމާޒަކީ މި ކުޅިވަރުގެ ގިނަ ކޯޗުންނާއި ރެފްރީން ތަމްރީން ކުރުމެވެ.
އެ ގޮތުން ހޭންޑްބޯލް މޯލްޑިވްސް އިން ބޭސިކް ރެފްރީސް ކޯހެއް މިމަހުގެ 19 ގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ މަހު ވެސް އެ އެސޯސިއޭޝަނުން ރެފްރީސް ތަމްރީންކުރުމުގެ ކޯހެއް ބޭއްވި އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި މި އަހަރު ރާއްޖޭގެ ހަތަރު އަތޮޅެއްގައި ކޯޗުންނާއި ރެފްރީން ތަމްރީންކުރުމުގެ ކޯސްތަކެއް ހިންގާނެ އެވެ. އެއީ ގދ، ގއ، ރ އަދި ޏ. ފުވައްމުލަކުގަ އެވެ.












