މުޒާހަރާގައި ބައިވެރިވި އުމުރުން ދުވަސްވީ އަންހެނެއް ހައްޔަރުކުރަން އުޅުނު ގޮތާ މެދު ފާޑުކިޔަނީ

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއް ފުލުހުން ގޮސް ރޫޅާލާނީ؛ މުޒާހަރާގައި ބައިވެރިވި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަން އުޅުނު ގޮތާ މެދު ފާޑުކިޔަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއް ފުލުހުން ގޮސް ރޫޅާލާނީ؛ މުޒާހަރާގައި ބައިވެރިވި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަން އުޅުނު ގޮތާ މެދު ފާޑުކިޔަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، އޭގައި ބައިވެރިވި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރަން ފުލުހުން އުޅުނު ގޮތާ މެދު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ގައުމީ ދިދައެއް ހިފައިގެން ހުރި އުމުރުން ދުވަސްވީ އަންހެން މީހެއް ފަހަތުން ދެ ފުލުހެއް ދުވެފައިދާ ތަން ފެނެ އެވެ. އެ މީހާ ވެސް ދުވަމުން ދިޔައިރު، އޭނަ ފަހަތުން ދިޔަ ފުލުހުން ފަހަތުން ދުވެފައި ގޮސް އޭނާ ހައްޔަރުކުރެ އެވެ.

ފުލުހުން "އަދަދު" ނޫހަށް ބުނެފައިވަނީ ރޭ މުޒާހަރާގެ ތެރެއިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެ އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި އުމުރުން ދުވަސްވީ އަންހެން މީހާ ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގައި އެ ވީޑިއޯ ހިއްސާކޮށް ގިނަ ބަޔަކު ވަނީ ފުލުހުން އެ މީހަކު ހައްޔަރުކުރަން އުޅުނު ގޮތާ މެދު ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ގާނޫނީ ބައެއް ވަކީލުން ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެ ވީޑިއޯއާއެކު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ފަހަތުން ދުވެގޮސް ޝުއޫރު ފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބާ؟" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ބޮޑެތި ކުށްކުރާ މީހުންނާ، މީހުން މަރަން ފަސްނުޖެހޭ ލިސްޓް މީހުންނާމެދު ރިއެކްޓް ކޮށް ނުލެވުނަސް، ޝުއޫރެއް ފާޅުކޮށްލާ މީހާއާ ޖެހުނީމާ ނިކަން ބާރަށް ރިއެކްޓް ކުރެވޭ ދޯ" ކަމަށެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް "ރަހުމުކުޑަ" އަމަލެއް ކަމަށެވެ. އަދި ފުލުހުންގެ އަމަލުތައް އިސްލާހުކުރުމުގެ ގޮތުން، އިތުރު ތަމްރީންތައް ދިނުމަށް ވެސް ޝުނާނާ ކުރެއްވި ޓްވީޓްގައި ގޮވާލައްވާފައިވެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވެސް ވީޑިއޯއާއެކު ޓްވީޓެއް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީން ދިވެހިންނަށް ލިބިފައިވާ ޝުއޫރު ފާޅުކުރުމުގެ ހައްގު ބޭނުންކުރަން ހުރި އަންހެނަކު، ކުށްވެރިއަކު ހައްޔަރުކުރަން އުޅުމުން އެއީ ލަދުވެތި ކަމެއް ކަމަށެވެ.

"މިފަދަ ގޮތަކަށް އަމަލުކުރާ ފުލުސް އޮފިސަރުންނާ މެދު ފިޔަވަޅު އަޅައި، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ،" ޝަހީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ޓްވީޓެއް ކުރެއްވި އެވެ. އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ހިފެހެއްޓުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން ކަންބޮޑުވުން އެބަހުރި ކަމަށެވެ.

"އެ މައްސަލަ ބަލާނަން،" ހަމީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

އިދިކޮޅު ލީޑަރު ޔާމީން 11 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި، ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

އޭގެ ފަހުން ކޮންމެ ރެއަކު ވެސް ޔާމީންގެ ސަޕޯޓަރުން ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ތެރެއިން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ކަމަށް ބުނެ ކޮންމެ ރެއަކު ވެސް ބަޔަކު ހައްޔަރުކޮށް، ފަހުން އެ ބަޔަކު ދޫކޮށްލަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު އެއްވުން ކަމަށްވާ މެެއި ޑޭ، 2015، އަށް ފަހު ފާސް ކުރި އެއްވެ އުޅުނު ހަނި ކުރުމުގެ އިސްލާހު މި ސަރުކާރުން ވެސް ދަނީ ދަމަހައްޓަމުންނެވެ. އެ ގޮތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ސަރަހައްދަށް ނޫނީ އެއްވުމަކީ އަދިވެސް ގާނޫނުން މަނާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox