އެކި ބާވަތުގެ އަނިޔާ ލިބިގެން ނުކުޅެދުންތެރިވެފައިވާ ވެލަޔާއި ކަހަނބު ރާއްޖެއިން ބޭރުގެ އެކުއޭރިއަމްތަކަށް އެކްސްޕޯޓު ކުރަން ދޭ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ތިމާވެށި ރައްކާތެރި ކުރާ އެޖެންސީން ރޭ ދަންވަރު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަނިޔާ ލިބިފައިވާ ވެލަޔާއި ކަހަނބު ބޭރު ކުރަން ދޭ ހުއްޓާލީ ވެލަޔާއި ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓު ކުރެވެންދެން ކަމަށެވެ.
އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދެނީ، އަނިޔާ ލިބުމުގެ ސަބަބުން އެތަކެތީގެ ގުދުރަތީ މާހައުލަށް އަނބުރާ ދޫނުކުރެވޭ ފަދަ ވެލަޔާއި ކަހަނބު އެކްސްޕޯޓް ކުރުމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ ވެލަޔާއި ކަހަނބަކީ ހިމާޔަތްކޮށްފައިވާ ތަކެއްޗެވެ. އެގޮތުން ވެލާ، ކަހަނބު، ވާވޮށި ވެލާ، ބޯބޮޑު ވެލާ އަދި މުސިންބީއަކީ ރާއްޖޭގައި ދިރިއުޅޭ، ހިމާޔަތްކޮށްފައިވާ ދިރުންތަކެވެ.
އެގޮތުން، ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެސޮރުމެންގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމާއި އެއްވެސް ގޯނާއެއް ކުރުމާއި އެސޮރުމެން އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުނުން ގާނޫނުން މަނާވާނެ އެވެ.

އޭގެ އިތުރުން، ވެލާ ކަހަނބާއި ވެލާ ކަހަނބުގެ ބިހާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އަދި އެކްސްޕޯޓު ކުރުމަކީ ވެސް ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެކެވެ.












