މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ފަށައިފި އެވެ.
އެފްއެސްއެމުން މި ހިދުމަތް ދޭން ފަށާފައި ވަނީ މިފްކޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. މިއަދުން ފެށިގެން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހިދުމަތް ދޭން ފަށާފައިވާއިރު އަންނަ މަހު ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ކޮމްޕްލެކްސްގައި ވެސް ހިދުމަތް ދޭން ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ދަތިކަމެއް ނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް އަބަދުވެސް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަންދީ، ތެޔޮ ވިއްކުމުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އަދި، ބައެއް ހާލަތްތަކުގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ޖެހުމުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
މިއަދު ގެނައި ބަދަލާ އެކު ހުރިހާ ދޯނިތަކުން އެފްއެސްއެމްއާ އެކު ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނިފަހަރަށް ކްރެޑިޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ. މިއާއެކު މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކްރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ ސީދާ އެފްއެސްއެމަށެވެ.
މިހެން ހަމަޖެއްސި ނަމަވެސް މިހާރެކޭ އެއްގޮތަށް މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ލިބޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން އިތުރަށް ބުނީ އެ ކުންފުނީގެ ބޯޓުތަކުގައި ތެޔޮ ރައްކާކުރާނެ ސްޓޯރޭޖު ކުޑަވުމުގެ ސަބަބުން މަސްވެރިންނަށް ބޭނުންވާ މިންވަރަށް ތެޔޮ ވިއްކުމުގައި ދަތިތައް ދިމާވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން ބޯޓުތަކުން ތެޔޮ ވިއްކުމުގައި ބަދަލުގައި ފަސޭހައިން ތެޔޮ ލިބޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއެސްއެމުން ކުރަމުންދާ ކަމަށް މިފްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނީ އެކަން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން ހަމަޖެއްސުުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.












