މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލެއިން ފުރައިގެން ދިޔަ ތެޔޮ ބޯޓު ހޯދަމުން ދަނިކޮށް ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ ބޯޓުގައި ދަތުރު ކުރީ އެ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ބޯޓު ފެނުނު ނަމަވެސް އޭގައި ތިބި ދެ މީހުން އަދިވެސް ފެނިފައި ނުވާ ކަމަށެވެ.
ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޒާމް، 45އ އަދި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން، 35އ އެވެ.
އެކަމާ ގުޅިގެން ރޭގައި ފުލުހުން ކުރި ޓުވީޓެއްގައި ވަނީ އެ ދެ މީހުން ފުރި ފަހުން ހަބަރެއް ނުވެގެން ރިޕޯޓު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ބުނެފަ އެވެ.
އަދި އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރި ނަމަ ލަސްނުކޮށް އެކަން އެ މުއްސަސާގެ ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅާ އެކަން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.













