ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ 20 ގަޑިއިރު ފަހުން އެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ދިފާއީ ވަކީލުންނަށް މިއަދު ދީފި އެވެ.
ޝަރީއަތް ނިންމާ ދުވަހު ރިޕޯޓް ދޫކުރުމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަންގައި އޮތް ނަމަވެސް މިއަދު ހެނދުނުވީ އިރު ވެސް ރިޕޯޓް ދޫކޮށްފައެއް ނުވެ އެވެ. އަދި ކޯޓުގެ ވެބްސައިޓްގައި ރިޕޯޓް ޝާއިއުކޮށްފައެއް ނުވެ އެވެ.
އެހެންވެ މިއަދު ހެނދުނުގެ ވަގުތެއްގައި ޔާމީންގެ ވަކީލުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ކްރިމިނަލް ކޯޓަށް ވަޑައިގަތެވެ. އޭރުން ފެށިގެން ރިޕޯޓް ލިބެންދެން ވަކީލުން އެ ތަނުގައި ތިއްބެވި އެވެ.
"ހަމަ ދެންމެ ރިޕޯޓް ލިބިއްޖެ،" ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އަބްދުﷲ ޝިޔާދު މިއަދު މެންދުރުފަހު 2:30 ހާއިރު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވީ 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ޕީޕީއެމުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮވެ އެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް މި ވަގުތަށް ވަނީ ފުރުސަތު ބަންދުވެފަ އެވެ.












