ރިޕޯޓުއިތުރު ކެންޑިޑޭޓަކު ނުނެރެ ޕީޕީއެމަށް ކާމިޔާބުވެދާނެތަ؟

އިތުރު ކެންޑިޑޭޓަކު ނުނެރެ ޕީޕީއެމަށް ކާމިޔާބުވެދާނެތަ؟

ވޯޓު ކަރުދާހުން ޔާމީންގެ ނަން ދަނީ މަޑުމަޑުން ފޮހެވެމުންނެވެ. ޔާމީނަށް ރިޔާސީ ޓިކެޓު ވެދުން ކުރީ ވެސް މިހެން ވެދާނޭ ކަން އެނގިތިބެ އެވެ. އޭރު ވެސް އަދި މިހާރު ވެސް އެ މީހުން ދައްކަން ބޭނުން ނުވާ ހަމައެކަނި ވާހަކައަކީ ޔާމީނަށް އިންތިހާބުގައި ކުރިމަތިނުލެވޭ ހާލަތުގެ ވާހަކަ އެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި މަގުމަތީގައި އިހުތިޖާޖު ކުރަނީ: ޔާމީން ނޫން ލީޑަރަކު ދައްކަން ޕީޕީއެމް ތައްޔާރެއް ނޫން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި މަގުމަތީގައި އިހުތިޖާޖު ކުރަނީ: ޔާމީން ނޫން ލީޑަރަކު ދައްކަން ޕީޕީއެމް ތައްޔާރެއް ނޫން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އަދި އެއީ އޭގެ ހިމެނޭ އެންމެ މުއާމަލާތެއްގެ މައްސަލާގަ އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވުމުން އުފުލި ދެ ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ވެސް ރިޝްވަތު ނަންގައި، ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްގެން އެ ޝަރީއަތް ވެސް އެބަ ހިނގަ އެވެ. "ގާނޫނީ ގޮޅި"އެއްގައި ޔާމީން ހުންނެވީ ތާށިވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީނަށް އެރުވީ މި ހާލަތު ކުރިމަތިވާން އުޅޭ ކަން އެނގި ތިބެ އެވެ. އެހެންވިޔަސް ޔާމީންގެ ދިފާއުގައި، އެމަނިކުފާނުގެ "ވަށާ އެނބުރިގެން" ނޫން ގޮތަކަށް އެ ފަލްސަފާ ފެތުރިދާނެ ކަމަށް ދެކިފައި އޮތް ދެކުން އެއީ ހަމަ އެންމެ ރަނގަޅު ވިސްނުން ހެއްޔެވެ؟ އިތުރު ބޭފުޅަކަށް އެ ފުރުސަތު ދެއްވަން ޔާމީން ބޭނުންފުޅު ނުވަނީ ކީއްވެ ހެއްޔެވެ؟ އިންތިހާބަށް ނުވަ މަސް އޮތް އިރު ކެންޑިޑޭޓަކު ނުދައްކައިފި ނަމަ އެއީ ވާދަވެރިންނަށް ދޫކޮށްލެވޭ ފުރުސަތަކަށް ނޫނީ ނުވާނެ ހެއްޔެވެ؟

"އަޅުގަނޑު މިތާ ނެތުމަކުން، އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސާވާރުވިޔަ ނުދެއްވައްޗޭ،" މީގެ ކުރިން ވެސް ޔާމީން ޖަލަށް ދާން ޖެހިވަޑައިގަތުމުން ޕާޓީގެ ލީޑާޝިޕަށް އަދި ސަޕޯޓަރުންނަށް ޔާމީން އިލްތިމާސްކުރެއްވީ މި ކަމެވެ.

ޔާމީންގެ ވަސިއްޔަތަކަށްވީ އެމަނިކުފާނުގެ އަތްޕުޅުން ޕާޓީ "ޖަހައިގަންނަން" ބޭނުންވާ "މިނިކާ ބާޒު" ތަކަށް އެ ފުރުސަތު ނުދިނުމެވެ. އެއަށްފަހު ދުވަސްކޮޅަށް މިނިވަންވި ނަމަވެސް އަނެއްކާ ވެސް ޖަލަށް ވަޑައިގަންނަވަން ޔާމީނަށް މި ވަނީ ޖެހިފަ އެވެ. މިފަހަރު ވެސް ޔާމީންގެ އެދިވަޑައިގަތުމަކީ އެމަނިކުފާނު ނެތި ޕާޓީގެ މިސްރާބު ބަދަލުނުކޮށްލުމެވެ. އެހެން ޕާޓީތަކާ ގާތްނުވުމެވެ.

ޕްލޭން ބީގެ ވާހަކަ ނުދައްކާ ސަބަބު

"އެ ސުވާލު އަޅުގަނޑުމެންނަށް ރަނގަޅީ ނުކުރިއްޔާ."

ޔާމީނަށް ހުކުމް ކުރުމާއެކު އިދިކޮޅަށް ކުރިމަތިވީ އެންމެ ސުވާލެކެވެ. އެއީ ރިޔާސީ އިންތިހާބާ ހަމައަަށް އަންނައިރު މި ސަރުކާރުން ދައްކާ ކެންޑިޑޭޓާ ވާދަ ކުރާނީ އިދިކޮޅުގެ ކޮން ބޭފުޅެއްތޯ އެވެ. އިދިކޮޅުގެ "ޕްލޭން ބީ" އަކީ ކޮބައިތޯ އެވެ. ޔާމީން ނޫން ދެން އޮތީ ކޮން ގޮތެއްތޯ އެވެ.

އެ ސުވާލަށް އިދިކޮޅުގެ ޖަވާބު ވެސް ސާފެވެ. އިދިކޮޅު ލީޑާޝިޕުން ދެކޭ ގޮތުގައި ކޮންމެ ގޮތެއް ވިޔަސް ރިޔާސީ ކެންޑިޑޭޓަކީ ޔާމީނެވެ. އިތުރަށް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ވެސް ޔާމީންގެ އަރިސް ބޭފުޅުން ނުދެކެ އެވެ.

"ދެ ވަނަ ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީއަކުން ނުވިސްނަން، ނުވެސް ވިސްނާނަމޭ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއޭ،" ޔަގީން ކަމާއެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ހުކުމް ކުރި ދުވަހު ވެސް އަބްދުއްރަހީމް އެދިވަޑައިގަތީ ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ނުދެއްކުމަށެވެ. އެފަދަ ހާލަތަކަށް ގޮސްދާނެ ކަމަށް ގަބޫލުކުރަން ބޭނުން ނުވާއިރު، އެ ވާހަކަ ދައްކަން ވެސް ބޭނުން ނުވެ އެވެ. "ވެރިކަމާ ތަޅާފޮޅަން" ޕީޕީއެމްގެ ލީޑާޝިޕުން ނޫޅޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ރޭވުމުގައި ބުރަކޮށް އުޅުއްވަމުން ގެންދަވާ ލީޑާޝިޕްގައި ހިމެނޭ އެ ޕާޓީގެ އެއް ނައިބު ރައީސް، އަހުމަދު ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި، ޔާމީނަށް ވާދަނުކުރެވޭ ވާހަކަ ދައްކަވައިފި ނަމަ ޕާޓީގެ ސަޕޯޓަރުންނަށް އެ ދެވެނީ ވަރަށް ގޯސް މެސެޖެކެވެ.

"އަޅުގަނޑުމެން އަމާން ދޭށޭ އެ ބުނެވެނީ، މިހާރު ވެސް ބަލިވެއްޖެއޭ އެ ބުނަނީ، ސަޕޯޓަރުން ވާނީ އިތުރަށް މާޔޫސް. ރައީސް [ޔާމީން] ގެ ނަން ވޯޓު ކަރުދާގައި އޮތުން އެއީ ސަޕޯޓަރުން އެދޭ ގޮތް. އެ މަގުން އަޅުގަނޑުމެންގެ ލީޑާޝިޕް ހިނގަން ޖެހޭނީ،" މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވި އެވެ.

ޝަރީއަތުގެ އަދި ދެ މަރުހަލާ ވެސް ބާކީ އޮތީ އެވެ. ހައި ކޯޓުގެ މަރުހަލާއާއި ސުޕްރީމް ކޯޓުގެ މަރުހަލާ ނުނިމެނީސް، ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ދެކުން އަދި މާ އަވަސް ކަމަށް ޝިޔާމް ގަބޫލުކުރައްވަ އެވެ. މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސަކަށް ކުރިން އުޅުއްވި، އަދި ޔާމީނުގެ ވެރިކަމުގައި ހޯމް މިިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ގަބޫލުކުރައްވާ ގޮތުގައި އެ ވާހަކަ ދައްކަން ބޭނުން ނުވާ ސަބަބަކީ ޔާމީންގެ އަތުން ޕާޓީ ގެއްލެން އެމަނިކުފާނު ބޭނުންފުޅުނުވުމެވެ.

ސިޔާސީ މަސްރަހުން އުމަރު މިސާލުތަކެއް ވެސް ދެއްކެވި އެވެ. ޑީއާރުޕީގެ އިސް ލީޑަރުގެ މަގާމު އަހުމަދު ތަސްމީން އަލީއަށް ދެއްވުމުން މައުމޫންގެ އަތުން ކޮންޓްރޯލް ގެއްލުނެވެ. އޭރު އަދި ތަސްމީން ހުންނެވީ ވެރިކަމަކު ވެސް ނޫނެވެ. ޔާމީންގެ ވެރިކަމުގައި، މައުމޫން އަތުން ޕީޕީއެމްގެ ކޮންޓްރޯލް ޔާމީން ހޯއްދެވި އެވެ. އަދި މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަތުން އެމްޑީޕީގެ ކޮންޓްރޯލް ހޯއްދަވަން، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ކުރައްވަން ޖެހިފައިވާ ދަތުރެވެ.

"ކެންޑިޑެސީ އެހެން ބޭފުޅަކަށް ދީފިއްޔާ އެ ދިޔައީ ޕާޓީ، ރާއްޖޭގައި ޕާޓީތަކުގެ ކޮންޓްރޯލް މި ހިފަހައްޓަނީ މިނިވަން އިންސާފުވެރި އިންތިހާބަކުންނެއް ނޫން، އޮބި އަޅައިގެން ޕާޓީތައް މި ހިފަހައްޓަނީ، މި ހުރި ކަންކަމަށް ޔާމީން ވިސްނަވާނެ. އޭނައަށް އެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް،" އުމަރުގެ ސިޔާސީ ތަޖުރިބާތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އުމަރުގެ ހިޔާލާ އެއް ގޮތަށް ދެން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ. ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް ޕާޓީއެއްގައި އަމިއްލަ ކޮންޓްރޯލް އޮތުން މުހިންމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނޫނީ ޖެހޭނީ އަމިއްލަ ކޮންޓްރޯލް އޮތް ޕާޓީއެއް އުފައްދަން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަތި އޮންނަނީ ބެދިފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އިތުރު ގޮތެއް އޮތް ހެނެއް. އޭނާގެ ކޮންޓްރޯލް ސިޔާސީ ޕާޓީގައި ދެމެހެއްޓުން، ދެން އެހެން ނޫނީ އޭނާގެ ލީޑާޝިޕްގައި [އަމިއްލަ ކޮންޓްރޯލް އޮތް] ސިޔާސީ ޕާޓީއެއް ހެދުން، އެ ނޫން ގޮތެއް ނެތް،" މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވިދާޅުވެފައިވެ އެވެ.

ޔާމީނާއެކު ޕީޕީއެމް ދިފާއީ ގޭމެއްގައި؟

ޔާމީން މި ވަގުތު ހުންނެވީ މާފުށީ ޖަލުގަ އެވެ. ކެމްޕޭނަށް ރަށްރަށަށް ވަޑައެއް ނުގަނެވޭނެ އެވެ. ކެމްޕޭން ތަގުރީރުތަކެއް ނުދެއްވޭނެ އެވެ. ސަޕޯޓަރުންނާއި ދިވެހި ރައްޔިތުންނަށް އެމަނިކުފާނުގެ ތަސައްވުރާއި ފިކުރު "ވިއްކަން" ދަތިވާނެ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގައި ވެސް އެ ދަތުރު އޭރުގެ ގިނަ އިދިކޮޅު ލީޑަރުންނަށް ކުރަން ޖެހުނެވެ. އެކަމަކު އޭރު ސިޔާސީ ގިނަ ލީޑަރުން ތިބީ އެކުގަ އެވެ. ގިނާ ޕާޓީތަކުން އެކުވެ، ކޯލިޝަނެއް އުފައްދާފައި އޮތެވެ. އެކަމަކު ޕީޕީއެމް "ގިނިކަންޏާ" އޮތް އިރު، ކެންޑިޑޭޓް ހުންނެވީ "ގާނޫނީ ގޮޅި" އެއްގައި ތާށިވެފަ އެވެ.

ރާއްޖޭގެ ސިޔާސީ ކަންކަން ދިރާސާކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވީ ވެސް ޔާމީންގެ ފޮޓޯއާއެކު މިހާރު އިދިކޮޅު ކޯލިޝަނަށް ޖެހިފައި އޮތީ "ޑިފެންސްއަށް" ރިޔާސީ އިންތިހާބުގައި ކުޅެން ޖެހުން ކަމަށެވެ. ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކާއި ދައުވާތަކުން އެމަނިކުފާނު ދިފާއު ކުރުމެވެ.

"މިއަދު ޕީޕީއެމް އެ ގެންގުޅޭ ނެރޭޓިވްގައި އިންތިހާބެއް ކާމިޔާބުވާ ތަނެއް ނުފެނޭ، އެއީ ވަރަށް ޑިފެންސިވް ނެރޭޓިވްއެއް، ތިމަންނަމެންގެ ކެންޑިޑޭޓް ކޮރަޕްޝަނެއް ނުހިންގައޭ، އަބަދުވެސް ދިފާއުގަ، އެއީ ވޯޓާސްއަށް ލިބޭނެ އުންމީދެއް ނޫން،" އުމަރު ވިދާޅުވި އެވެ.

"ޕީޕީއެމް ވަރަށް ހަރަކާތްތެރި، ފަލްސަފާ އެބަ ފެތުރޭ"

ރިޔާސީ އިންތިހާބަށް ޕީޕީއެމުން އަތުރާފައި އޮތީ "ޑިފެންސިވް ގޭމެއް" ކަމަށް ދެކެވޭ ވާހަކައަށް ޝިޔާމް ވެސް ރައްދު ދެއްވީ ސިޔާސީ މަސްރަހުގެ ބައެއް ހަގީގަތްތަކުން މިސާލު ދައްކަވަމުންނެވެ. ޝިޔާމްގެ އެންމެ ބޮޑު މިސާލަކަށް އޮތީ ވެސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ތަޖުރިބާ ކުރަމުންދާ ކަންކަމެވެ.

"އެމްޑީޕީއަކީ ވެސް ވަކި ފަލްސަފާއެއް، ވެރިކަމުގައި ދެމިހުރުމުގެ ބޭނުމުގައި، ކޯލިޝަންގެ އެދުންތަކާ ހުރެ، އެމްޑީޕީގެ ފަލްސަފާއާ ދުރުވެއްޖެއޭ އެ ބުނަނީ އެމްޑީޕީގެ ރައީސް [ނަޝީދު]، އެމްޑީޕީގެ ސަޕޯޓަރުން އެ ޕާޓީއާ އެ ދުރުވަނީ، އެެހެންވީމާ ކޯލިޝަން ވެސް ނުވޭ އަދި ޗޮއިސްއަކަށް،" ޝިޔާމް ވިދާޅުވި އެވެ.

ޑީއާރުޕީ އުފައްދައި، އަދި އެ ފަހުން ޕީޕީއެމް އަދި ޕީއެންސީ އުފެއްދީ ވަކި ވިސްނުންތަކެއް އޮވެގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން "ކޯލިޝަންގެ ޝޯޓްކަޓް" ނަގައިގެން ދިޔުމަކީ މިހާރު އޮތް ސިޔާސީ އާ ހާލަތުގައި އެންމެ ބުއްދިވެރި ގޮތް ކަމަށް ޝިޔާމް ގަބޫލެއް ނުކުރައްވަ އެވެ.

އެހެންކަމުން ޕީޕީއެމްގެ ވިސްނުން އޮތީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ، ޔާމީން މިނިވަންކުރުމަށް ކުރެވެން އޮތް "ގާނޫނީ މަސައްކަތެއް" ކުރުމެވެ. ދެވަނަ ކަމަކީ، ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ތަސައްވުރާއި ފަލްސަފާ ރައްޔިތުންނާ ހަމައަށް ޕާޓީގެ ލީޑާޝިޕް މެދުވެރިއަކަށް ވެގެން ގެންގޮސްދިނުމެވެ.

"އަޅުގަނޑުމެން ހަމަ ވަރަށް ހަރަކާތްތެރި، ރައީސް [ޔާމީން] ގެ ކެމްޕޭން ކުރިއަށް ދާނެ، އެމަނިކުފާނުގެ މަންދޫބުން މި ތިބީ، ރަށްރަށަށް ގޮސް، އެ ރަށަކަށް، އެ ސަރަަހައްދަކަށް އޮތް ރައީސް ޔާމީންގެ ވިސްނުންތައް ވިއްކޭނެ، ވައުދުތައް ހުށަހެޅޭނެ، އެ މެސެޖްތައް ހިފައިގެން ދާނީ،" ޝިޔާމް ކިޔައިދެއްވި އެވެ.

ކޮންމެއަކަސް، ޔާމީނަށް އޮތް ގޮންޖެހުންތަކަށް ބަލާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ ބަހުސް ހުއްޓާލެވޭކަށް ނެތެވެ. ޕީޕީއެމް މި ވަގުތަށް ކުރިއަށް ގެންދާނެ ގޮތް އެ އޮތީ އެ ޕާޓީގެ ލީޑާޝިޕުން ރާވައި، ނިންމައިފަ އެވެ. އެކަމަކު އެ ވިސްނުމުގައި ތިބެގެން އެންމެ ފަހުން ވާދަކުރި ރިޔާސީ އިންތިހާބު، މަޖިލީހުގެ އިންތިހާބު، އަދި ކައުންސިލް އިންތިހާބުގައި ވެސް ނެރެވުނީ ދަށް ނަތީޖާއެކެވެ. އަދި އެއީ ވިސްނާލަން ޖެހޭ ކަމެކެވެ.

އައިޝަތު ނުޒުހާ

ޖާނަލިސްޓް

އައިޝަތު ނުޒުހާއަކީ 2020 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށި ޒުވާނެކެވެ. މީގެ ކުރިން "ސަން އޮންލައިން" ގައި މަސައްކަތްކޮށްފައިވެ އެވެ. ނުޒުހާ އާންމު ގޮތެއްގައި ލިޔަނީ ރައްޔިތުންގެ މަޖިލިސް އަދި ސިޔާސީ ދާއިރާތަކުގެ ހަބަރުތަކެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox