ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ބައިވެރިވި އެންމެން ދޫކޮށްލައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން އިއްޔެ ހުކުމްކުރި އެވެ.
ރައީސް ޔާމީނަށް އެ ހުކުމް ކުރުމުން، އެމަނިކުފާނު މިނިވަން ކުރުމައި ގޮވާލައި ރޭ ޕީޕީއެމުން މާލޭގެ މަގުތަކުގައި މުޒާހަރާކުރިއިރު, އެ ރޫޅާލުމަށް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެގޮތުން 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ޕީޕީއެމް ތަރުޖަމާނު ހީނާ ވިދާޅުވީ، ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ބޭއްވި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާއިރު, އިދިކޮޅުން ވަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފަ އެވެ.












