ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.
މިއަދު ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދިނުމަށް އުޅުނު ކަން އެނގެން އެބަ އޮތް ކަމަށެވެ.
އޭގެ ފަހުން ރިޝްވަތުގެ ފައިސާ ހޯދުމަށް ޓަކައި ޔާމީން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމާއި ޔާމީންގެ އެކައުންޓަށް އެމަނިކުފާނު އެދިވަޑައިގަތް މިންވަރަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެެހެންވެ ރިޝްވަތުގެ ދައުވާގައި ހިމެނޭ ކުށުގެ ހުރިހާ ރުކުނެއް ހަމަވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ކުރުމަށް އެއީ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމަށާއި ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ސާބިތުކޮށްދޭން ޖެހެ އެވެ. ގާޒީ ޝަކީލް ނިންމެވީ ދެ ރުކުން ވެސް ފުރިހަމަވާ ކަން ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ، ޔާމީންގެ ނަމުގައި އެކައުންޓެއް އުފައްދައި، ޔޫސުފް ނައީމްގެ އެކައުންޓުން ޖަމާކުރުމަކީ އިއްތިފާގެއް ކަމުގައި ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އޭގެ ފަހުން ފައިސާއިން މަންފާ ހޯދުމަށް ޓަކައި 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައި އޮތުމުން، ކުށުގެ ރުކުންތައް ހަމަވާ ކަމަށް ކަނޑައެޅުއްވި އެވެ.
ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް ކުށުގެ އަދަބުގެ ދަރަޖަ މަތިކޮށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ. އެ ގޮތުން އެ ދައުވާގައި އަށް އަހަރަށް ޖަލަށް ލުމަށް ދައުލަތުން އެދުނެވެ.
މަނީ ލޯންޑަރިންގެ ދައުވާގެ ކުށަށް އެންމެ ކުޑަ އަދަބަކީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް އެ އަދަބުގެ ދަރަޖަ ވެސް މަތިކޮށް 11 އަހަރަށް ޖަލަށް ލުމަށް ދައުލަތުން އެދުނެވެ. ދައުލަތުން އެދުނީ ދެ ދައުވާއަށް ޖުމުލަ 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އޭގެ އިތުރުން، ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތައް ވެސް މި ކުށް ހިންގުމުގައި ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައި އޮތުމާއި ޝަރީއަތަށް ވެސް ދޮގު ހެކިބަސް ދޭން މަސައްކަތް ކޮށްފައި އޮތް ކަމަށް ބުނެ ގާނޫނުގައި އަދަބު މަތިކުރުމަށް އޮތް ހާލަތު އެބަ އޮތް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން 10 ދުވަހުގެ މުއްދަތަކަށް އެދުނެވެ. ނަމަވެސް ގާޒީ ނިންމެވީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު އެ މައްސަލައިގައި ވާހަކަ ދެއްކުމަށް އަޑުއެހުން އަލުން ފެށުމަށެވެ. އެ ވަގުތާ ހަމައަށް މަޝްވަރާކޮށް އަދަބާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނިންމުމަށް ގާޒީ އެންގެވި އެވެ.
ދައުވާގައި ހިމެނޭ ކަންކަން
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.












