އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގެ ބިންގާ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ.
އަހުމަދިއްްޔާ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެ ސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގަ އެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެ އެވެ.
މި ރަސްމިއްޔާތުގައި އެ ސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދިހަ ބުރީގެ އާ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރު ޑރ މުއިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އެވެ.
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ އަކީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކެވެ.













