އުމުރުން 55 އަހަރު ނުވިޔަސް، މަގާމުގައި 10 އަހަރު ހަމަވެފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މުސްކުޅި ކުރެވޭ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.
ކުރިން ފަނޑިޔާރަކަށް މަގާމުން ވަކިވެވޭނީ ތިން ހާލަތެއްގަ އެވެ. އެއީ އުމުރުން 70 އަހަރުވުމުން އޮޓޮމެޓިކުން ވަކިވުމާއި 55 އަހަރު ވުމުން އަމިއްލަ އަށް އެދިގެން ވަކިވުން އަދި ސިއްހީ ސަބަބަކަށްޓަކައި ވަކިވުމެވެ.
އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް އެކުލަވާލައި މި އަހަރުގެ އޭޕްރީލުން ފެށިގެން އަމަލުކުރަން ފެށި ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން 55 އަހަރު ނުވިޔަސް، އެހެން ޝަރުތުތައް ހަމަވާ ނަމަ ޝަރަފުވެރިކަމާއެކު ފަނޑިޔާރަކަށް ވަކިވެވިދާނެ އެވެ.
ގަވާއިދުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ފަނޑިޔާރުކަމުގައި 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އަމިއްލަ އަށް ވަޒީފާއިން ވަކިވާން ހުށަހެޅިދާނެ އެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ، ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުމުގެ ފިޔަވަޅު އަޅާފައިވާ ފަނޑިޔާރުންނާއި، ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ ތިން މަސްދުވަހަށް ސަސްޕެންޑު ކުރެވިފައިވާ ނުވަތަ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުގެ ފިޔަވަޅު އެޅިފައިވާ ފަނޑިޔާރުންނަށް މި ގަވާއިދުގެ ދަށުން ޝަރަފުވެރިކަމާއެކު މަގާމުން ވަކިވުމަށް ހުށައެއް ނޭޅޭނެ އެވެ.

އުމުރުން 55 އަހަރު ވުމުގެ ކުރިން ރިޓަޔާ ކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނައި ނަމަވެސް، އެ ގަވާއިދުގެ ދަށުން ލިބިދޭ އިނާޔަތާއި މެޑިކަލް އިންޝުއަރެންސް ލިބެނީ ހަމައެކަނި އުމުރުން 55 އަހަރުވުމުން، ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅި ކުރާ ފަނޑިޔާރުންނަށެވެ.












