ލާމު އަތޮޅުގެ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތައް ދެނެގަނެ، ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.
މި މަސައްކަތް ކުރުމަށް ނިންމާފައި ވަނީ އެންވަޔަރަމަންޓު މިނިސްޓްރީއާއި، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް ސިޑްނީއާއެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން, ލާމު އަތޮޅުގައި ހުރި ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތައް ބޭނުން ކުރެވެމުންދާ ގޮތާއި މިންވަރު ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ދިރާސާކޮށް، މާހައުލީ ނިޒާމުތަކުން ލިބޭ ފައިދާ އަގުމަގު ކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ކުރާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެ އެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކާ އެކު ސޮއި ކުރި މި އެއްބަސްވުމަކީ ގުދުރަތީ ރައުސުލްމާލު ހިސާބުކިތާބުކުރުން ރާއްޖޭގައި ގާއިމު ކުރުމަށްޓަކައި އެންދެރި މަޝްރޫއުގެ ދަށުން ސޮއި ކުރި މަޝްރޫއެކެވެ.
ގުދުރަތީ ރައުސުލްމާލު ހިސާބުކިތާބު ކުރުމަކީ އިނގިރޭސި ބަހުން ބުނާނަމަ ނެޗަރަލް ކެޕިޓަލް އެކައުންޓިން އެވެ.













