ރާއްޖޭގެ ރަށްރަށުގެ ހޭޅިފަށާއި ފަޅުތައް ހިމާޔަތްކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ އާކް އަދި "ސޭވް ޕްލެނެޓް އާތް" ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް ރަށް ކަމުގައިވާ ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދު ބުޅާ ޑައިވް ސެންޓަ، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާ އާއި ގުޅިގެންނެވެ.
ދިއްފުށި ސްކޫލުގެ އެލްކޭޖީއިން ފެށިގެން ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުންދާ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެ އެވެ. 280 އަށްވުރެ ގިނަ ދަރިވަރުންވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ހޭޅިފަށުގައި ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހިރުއް ހިމެނޭ ގޮތަށް 300 ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދާފަ އެވެ.
ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުންފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭގޮތުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ހިއްސާކޮށްފަ އެވެ.

ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (މައިކްރޯ ޕްލާސްޓިކް) އަދި 'ނަޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، ފަސް މިލިމީޓަރަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް ގޮނޑުދޮށުން ހޮވަން ދަސްކޮށްދީފައިވެ އެވެ.
މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އޯޝަން އެވެއާނަސް' ޕްރޮގްރާމެއް ވެސް ހިންގާފައިވެ އެވެ. މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ކުދިންނާ ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން 'ޑިސްކަވާ ޑައިވް' ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންގއަށް ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ހަމައެއާއެކު، ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަގްސަދުގައި، މި ދާއިރާގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، 'ސްޓޭންޑް އަޕް ޕެޑަލް' ބޯޑިން އަދި ސެއިލިން ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކުދިންނަށް ފަހިކޮށްދީފައިވެ އެވެ.












