އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ. ނުބަލަން ހުރެފައި ވެސް ބަލައިލެވުނީ ލަބީބު މޫނަށެވެ. އޭނާގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ.
"އަޅޭ.. ނޫން މަންމާ." އަހަންނަށް ދުއްވާ ގަނެވުނެވެ.
އެއީ ރިޔާޒުގެ މަންމަ އެވެ. އަހަރެންގެ މައިދައިތަ އެވެ. މައިދައިތަ ފާޑަކަށް ލޯ ހަދައިލުމަށްފަހު ހިނގައިގަތީ އެވެ. އަހަރެންގެ އަޑަށް މަޑު ވެސް ކޮށް ނުލަ އެވެ. މައިދައިތަގެ ފަހަތުން ދުވެފައި އަހަރެން ދިޔައީމެވެ.
"މަންމާ އެންމެ ފަހަރަކު ނަމަވެސް ވީގޮތް އަހައިލަބަ." އަހަރެން ބުނެލީމެވެ.

މައިދައިތަ ހުއްޓުނެވެ. އަހަންނާ ދިމާއަށް އެނބުރިލި އެވެ. އަހަންނަށް ބަލައިލެވުނީ މަންމަ ދެ ލޮލަށެވެ. އެ ދެ ލޮލުގައި ވަނީ ނުރުހުމުގެ އަސަރުތަކެވެ. މޫނުމަތީގައިވަނީ ފޫހިކަމުގެ ނިޝާންތަކެވެ.
"އިތުރަށް ދައްކާނެ ވާހަކައެއް ނެތް." މައިދައިތަ ރުންކުރު ރާގެއްގައި ބުނެލި އެވެ.
"ނޫން ނޫން. އާދޭސްކުރަން." އަހަރެން ބަޑިފަޅައިގެން ދިޔައީ އެހައި ހިސާބުންނެވެ.
މައިދައިތަގެ އެ ހުރިގޮތަށް ހުރީ އެވެ. އަހަންނަށް ތެޅިގަނެވުނެވެ. ވަގުތުން ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. މައިދައިތަގެ ކަށިމަތީ ހިފައިލެވުނެވެ. ރޮމުން ގިސްލަމުންނެވެ.
"ނޫން! މަންމާ! އަހަރެން.. އަހަރެން އެއްވެސް ކަމެއް.. ހަމަ އެއްވެސް ކަމެއް ނުކުރަން." ބުރިބުރި ކުރަމުން އަހަންނަށް ބުނެލެވުނީ އެހައި ހިސާބަށެވެ.
މައިދައިތަގެ ފައިގައި ހިފައި އާދޭސް ކުރަމުންނެވެ. އޭރު އަހަންނަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ. ބުނަން އުޅޭ ވާހަކައެއް ރަނގަޅަކަށް ނުބުނެވެ އެވެ. ދައްކަން އުޅޭ ވާހަކައެއް ނުދެއްކެ އެވެ. އެއަށްވުރެ ބޮޑަށް އަހަރެންގެ މެއަށް ބާރުތަކެއް އަރަމުން ދިޔަ އެވެ. ފާޑެއްގެ އުނދަގޫތަކެއް ވަމުން ދިޔަ އެވެ.
"މަންމާ! އާދޭސްކޮށްފަ ބުނަން. އަހަރެން.. އަހަރެން..." އެންމެފަހުން ކޮށި އަރައިގެން އަހަރެން ހުއްޓުނެވެ.
މައިދައިތަގެ ފައި ދަމައިގަތެވެ. އަހަންނަށް ކެއްސާގަނެވުނީ ހަމަ އެ ވަގުތު އެވެ. މައިދައިތަގެ ފައިނ ދޫކޮށްލަން މަޖުބޫރުވީ އެވެ. ފުރުސަތުގެ ބޭނުން ހިފައި މައިދައިތަ އެ ދިޔަ ގޮތަށް ދިޔައީ އެވެ.
އަހަންނަށް ދެ އަތަށް ބާރުކޮށްލެވުނެވެ. އިނގިލިތައް ބުޅިކޮށްލެވުނެވެ. އަތަށް ބާރުކޮށްލަމުން ދަތްޕިލަ ޖައްސާލެވުނެވެ. އެއާއެކު އަނގައިގެން ފާޑެއްގެ އަޑެއް ވެސް ނުކުތެވެ. ނޭވާ ހާސްވާކަމުގެ އިހުސާސް ވެސް ކުރެވުނެވެ. ގަދަހަދައިލަމުން ތެޅިވެސް ގަނެވުނެވެ. ނަމަވެސް ދެން ވީނުވީއެއް ނޭނގުނެވެ. މޫނުމައްޗަށް އަނދިރިވީ އެވެ.
އެތައް އިރެއް ވަންދެން ނިދައިލުމަށްފަހު ހޭލެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. ލޯ ހުޅުވާލެވުނީ ލައްކަ ހިތްވަރުންނެވެ. ހީވަނީ ލޮލަށް ބަރު ޖެހިފައި ހުރިހެންނެވެ. މުޅިމީހާގެ ހަށިގަނޑު ވެސް ވަނީ ބަރުވެފަ އެވެ. އަހަންނަށް ރަނގަޅަށް ލޯ ހުޅުވާލެވުމާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ. ސިހިފައި ތެދުވީމެވެ. ވަށައިގެން ހޯދައިލެވުނެވެ. އަހަންނަށް މި އޮވެވުނީ ކޮންތަނެއްގައި ހެއްޔެވެ؟ އަހަންނަށް މި ތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މި ކޮޓަރިއަކަށް ނާންނަމެވެ. ނުވަންނަމެވެ. ދެން މިތަނަށް މި އައީ ކިހިނެއް ހެއްޔެވެ؟
އެނދަށް ބަލައިލެވުނެވެ. ނިދައިފައި ބަނޑުން އޮތް މީހެއްގެ ބުރަކަށި ފެނުނެވެ. އޭނާގެ މޫނު އޮތީ ބާލީހަށް ކޮށްޕައިލައިފަ އޮތް ކަހަލަ ގޮތަކަށެވެ. އަހަންނަށް ފެންނަނީ ހަމައެކަނި އޭނާގެ ބުރަކަށީގެ ބައެކެވެ. އުނގަނޑާ ހަމައަށް އޮތީ ރަޖާ ދަމައިލައިފަ އެވެ. އެނދުގެ ކުއިލްޓް އޮތީ އެއްކަނަށް ސޮހިފަ އެވެ. އެ ކަނާ ދިމާގައި ޖީންސެއް އޮތެވެ. އޭގެ ތަންކޮޅެއް ދުރުގައި ފިރިހެނެއްގެ ކުރުކުރު ސޯޓެއް އޮތެވެ.
އަމިއްލަ ހަށިގަނޑާ މެދު ވިސްނައިލަން ޖެހުނީ އަހަރެންގެ ހެދުން ރީތިކޮށް މޭޒުމަތީގައި ބާއްވާފައި އޮތްތަން ފެނުމުންނެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރިޔާޒުގެ ލާނެތް ކަމޭ ހިތަށް އެރި އެވެ. އޭނާ އަހަންނަށް ސިއްރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނޭ ހިތްބުނެލި އެވެ. ދެވަނަ ސިކުންތުގައި ރިޔާޒު އޭނާގެ ރަހުމަތެރިންނާއެކު ޖެހިގެން އޮތް ރަށަށް ގޮސް ނާންނަކަމުގެ ހަނދާންތައް އާވި އެވެ.
ދެން އެނދުމަތީގައި އެ އޮތީ ކާކު ހެއްޔެވެ؟ އެއީ ރިޔާޒެއް ނޫން ހެއްޔެވެ؟ ނޫނެކެވެ. އެއީ ރިޔާޒެވެ. އެއީ އޭނާގެ ބުރަކަށްޓެވެ. ރިޔާޒުގެ ބޮނބިފަޅީގައި ހުންނަ ކަހަލަ ލަފެއް ހަމަ އެތަނުގައި އެބަ ހުއްޓެވެ. އެއީ ރިޔާޒުގެ ނިޝާނެކެވެ.
އަހަންނަށް ރިޔާޒާ ދިމާއަށް ބަލައިލެވުނެވެ. ހިތުގައި ހުރި އުދާސްތަކާއި ވަހުމުތައް ފިލައިގެން ދިޔަ އެވެ. އެ ލަފުގެ ސަބަބުންނެވެ. މަޑުމަޑުން ރިޔާޒުގެ ބުރަކަށީގައި ފިރުމާލެވުނެވެ. ލަފުގައި އަތް ޖައްސާލެވުނެވެ. އޭނާގެ ހަރަކާތްކޮށްލި އެވެ. އަހަރެންގެ ބީހުމަށް އިންތިޒާރު ކުރަން އޮތް ކަހަލަ އެވެ. އެއާއެކު އަނދިރިވި އެވެ. އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އަޑު ބޭރެއް ނުވި އެވެ. އޭނާ އަހަރެންގެ އަނގަމަތީގައި އަތް އެޅީ އެވެ.
ކުއްލިއަކަށް ކަރަންޓް ކެނޑެންވީ ސަބަބެއް ނުވިސްނުނެވެ. މުޅި ތަން އަނދިރިވި އެވެ. އެ އަނދިރިކަމުގެ ތެރޭގައި ވެސް ރިޔާޒު އުޅުނީ އެހެންކަމަކާ އެވެ.
"ބިރު ނުގަނޭ. އަހަރެން މި އޮތީނު." ރިޔާޒު ވާހަކަދެއްކީ ވައި އަޑުންނެވެ.
ރިޔާޒުގެ ހަރަކާތްތަކުގެ ކުންނާ ހަމައަށް ދިޔަ އެވެ. އަހަންނަށް އޮވެވުނީ އެވެ. ކަނު އަނދިރިކަމުން ފެންވަރާށެވެ. ކުރެވެމުން ދިޔަ އިހުސާސްތަކާއެކު އެކަމަށް އެދިއެދި އެވެ.
އިރުކޮޅެއް ފަހެވެ. ކުއްލިއަކަށް ބޮކި ދިއްލުނެވެ. ފަނޑު ބޮކީގެ އަލިކަމާއެކު އަހަރެންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ފެންނަން އޮތީ ރިޔާޒު ނޫނެވެ. އެއީ ލަބީބެވެ. ނަމަވެސް އޭރު ކުރެވޭނެ ކަމެއް ނެތެވެ. ހުރިހާ ކަމެއް އޮތީ ވެ ނިމިފަ އެވެ. ވަގުތު ފާއިތުވެފަ އެވެ. ކިތަންމެ ވަރަށް ގަދަހެދުމަކުން ވާނެ މޮޅެއް ވެސް ނެތެވެ.
"ހާސްނުވޭ. އަމިއްލައަށް ދައުވަތު ދިނީ. ދައުވަތަށް އިޖާބަ ދިނީމަ ދެން ދައުވަތު ކެންސަލެއް ނުކުރެވޭނެ." މާނޭވާ ލަމުން ކަހަލަ ގޮތަކަށް ލަބީބު ބުނެލި އެވެ.
ބޮލަށް ބާރުވަމުން ދިޔަ އެވެ. ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭނެހެންނެވެ. އަހަރެން ބޭނުންވަނީ އެ ހުވަފެނުން ހޭލާށެވެ. އެއީ ހަގީގަތެއް ނޫންކަމަށް ގަބޫލުކުރާށެވެ. މިރޭ ހިނގަމުން މިދާ އެއްވެސް ކަމަކީ އަސްލެއް ނެތް ކަންތައްތަކެއް ކަމަށް ހަދާށެވެ.
ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މި ހުރިހާ ކަމެއް މި އޮތީ ވެފަ އެވެ. މާދަމާ ކުރިމަތިލާން ޖެހޭނީ ކޮންފަދަ އިމްތިހާނަކާ ކަމެއް ވެސް ނޭނގެ އެވެ. ކޮންމެ ފަދަ އިމްތިހާނެއް އަޔަށް، އެ ހުރިހާ ކަމަކަށް ކެތް ކުރުން ނޫން ގޮތެއް ދެންނެތެވެ.
"ސަޅި ދޯ! ރިޔާޒަށް ފޮނުވާލަންވީ ދޯ! މީސްތަކުން ހެނދުނު ހޭލައިގެން ޖަހާނެ ސަކަރާތާއެކު ހުރިހާ ކަމެއް ބަދަލުވާނެ އިނގޭ. ރިޔާޒު ވެސް ނެތެއްނު އަހަރެން މިރޭ މި ކޮޓަރީ އޮވެލިޔަސް އޯކޭ ވާނޭ."
ލަބީބު ކޮޓަރިން ނެރެވުނީ އެތައް މަސައްކަތަކުންނެވެ. އޭނާ ކޮޓަރިން ނުކުންނަމުން ފޯނުގައި ހުރި ފޮޓޯތަކެއް ދައްކާލި އެވެ. އަހަންނަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ.
ލަބީބު ނެރެވުމާއެކު އަހަންނަށް ކޮޓަރީގައި ހިނގެން ފެށުނެވެ. އަލަމާރިއާއި އެނދާ ދެމެދުގަ އެވެ. ފާޚާނާއާއި އެނދާ ދެމެދުގަ އެވެ. އެތައް ފަހަރަކު އެތައް ސަތޭކަ ބުރެއް އެގޮތުގައި ޖެހިއްޖެ އެވެ. މުޅި މީހާ ދާހިތްލާ ފޯވާން ފަށައިފި އެވެ. ބޭނުންވީ ފެންވަރައިލާށެވެ. ފާޚާނާއަށް ވަދެ ޝަވަރުދޫކޮށްލެވުނެވެ. އެތައް އިރެއްވަންދެން ބޮލަށް ފެން އެޅުނެވެ. ބޮލަށް އޮހެމުންދާ ފެންފަދައިން މިރޭގެ ހުރިހާ ކަމެއް ފެންހިންދާއަށް ދާނެ ނަމައޭ ހިތަށް އެރި އެވެ.
މާދަމާއަކީ އަހަންނަށް ކޮންފަދަ ދުވަހަކަށްވާނެ ބާވަ އެވެ. މާދަމާ އަހަރެން މިގޭ މީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެއްކޮޅުން ހުރީ މައިދައިތަ އެވެ. އަނެއްކޮޅުން އެ ހުރީ ލަބީބެވެ. އޭނާ އަތުގައި ދައްކާނެ އެތައް ހެއްކެއް އެބަ ހުއްޓެވެ. ގަދަކަމުން ކަމެއް ނުކުރާ ކަމުގެ އެތައް ނިޝާނެކެވެ.
އަހަންނަށް ދެއްކޭނީ ވަކި ކޮން ބަހަނާއެއް ހެއްޔެވެ؟ އަހަންނަށް ބުނެވޭނެހާ ވެސް ވާހަކައަކީ އޮޅުނީ ކަމަށެވެ. ނަމަވެސް އެކަން ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ލަބީބު ކޮޓަރިއަށް ވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެނދުގައި އެހެން އޮންނަންވީ ކީއްވެ ހެއްޔެވެ؟ އޭގެ ކުރިން ވެސް ކަމެއް ހިނގީ ހެއްޔެވެ؟ ކުއްލިއަކަށް އަހަރެންގެ ހޭނެތެންވީ ކީއްވެ ހެއްޔެވެ؟ ލޮލަށް އަނދިރިވާންވީ ކީއްވެ ހެއްޔެވެ؟ ނޭވާ ނުވެލެވިގެން ތެޅެވުނީ ކީއްވެ ހެއްޔެވެ؟ ނޯށަށް އުނދަގޫ ތަކެއް ވީ ކީއްވެ ހެއްޔެވެ؟ މި ހުރީ ހައްތަހާ ވެސް ސުވާލެވެ.
ބޮލުގައި މި ހުންނަނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ ފާޑެއްގެ މަސްތެއް ވެފައި ހުންނަ މީހަކު ފަދައިން ދެ ލޯ ހުޅުވާ ނުލެވި މި ހުންނަނީ ކީއްވެ ހެއްޔެވެ؟ އެތައް އިރަކު ބޮލަށް ފެން އެޅުމުން ވެސް ރަނގަޅަށް ހޭ ނުލެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟
މާބޮޑަށް ހާސްވެވުނީ ކަން ނޭނގެ އެވެ. މާބޮޑަށް ވިސްނެނީ އެވެ. އާއެކެވެ. މި ހުރިހާ ކަމަކީ ވެސް މިއީ އެވެ. އެކަމަކު އަހަންނަށް މިހާރު ދެން އިތުރަށް ވިސްނާނެހާ ހިތްވަރެއް ނެތެވެ. ލަބީބު އަތުގައި ހުރި ފޮޓޯތައް އޭނާ އެންމެންނަށް ބަހައިލާނެ އެވެ. އެހައި ހިސާބުން އަހަންނަކީ އަގެއް ނެތް މީހަކަށް ބަދަލުވާނެ އެވެ. މީހުންގެ ނަފުރަތާއި ނުރުހުން އަމާޒުވާނެ އެވެ. ނީލަމެއްގައި އޮތް ފިނިފެން މަލެއްގެ އިއްޒަތް ވެސް ނުލިބޭނެ އެވެ. މުޅި މީސްމީޑިއާގައި އަހަރެންގެ މަސްކައި ނަގާނެ އެވެ. ފާޚާނާއިން ނުކުތީމެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މި ކަމާ ކުރިމަތި ނުލައި ވާކަށް ނެތެވެ. ރިޔާޒު ވަރިކުރިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ ލަދުވެތިކަމެއް ކުރިމަތީ އެބަ އޮތެވެ. އެކަން ހުއްޓުވިދާނެ އެވެ. އެކަން އަހަންނަށް ކުރެވިދާނެ އެވެ.
އެހެންވެ އަވަސް އަވަހަށް ފާޚާނާއިން ނުކުމެ ލަބީބަށް ގުޅައިލީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. އެންމެ ފަހަރަކު ރިންގުވި އިރަށް އޭނާ ފޯނު ނަގައިފި އެވެ.
"އާދެބަލަ." އަހަރެން ވައި އަޑުން ބުނެލީމެވެ.
"ދައުވަތެއްތަ؟" ލަބީބު އަހައިލި އެވެ.
"ހޫމް! އައީމަ އެނގޭނެ." އަހަރެން ބުނެލީމެވެ.
ފޯނު ބޭއްވުމަށްފަހު އަހަރެން ދެކޮޅަށް ހިނގަމުން ދިޔައީމެވެ. މެއާ ހަމައަށް އޮޅައިލެވިފައިވާ ހުދުކުލައިގެ ތުވާއްޔަށް ބާރުކޮށްލާ މޭ މައްޔަށް ގޮށް ޖަހައިލީމެވެ. ރީތިވާ މޭޒު ކައިރިއަށް ގޮސް ސެންޓުފުޅި ނެގީމެވެ. ކަނދުރާއަށް ދެތިން ފަހަރަކު ސެންޓުބުރުވާލީމެވެ. ކުރާން މި އުޅެނީ ކުޑަކަމެއް ނޫނެވެ. މިއީ އަހަރެން ދިރިހުރުމާ މަރުވުމާ ގުޅިފައިވާ ކަމެކެވެ. އިރުކޮޅެއް ނުވަނީސް ދޮރުގައި ޓަކި ޖަހައިލި އެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން ދޮރު ހުޅުވީމެވެ.
ލަބީބު އަވަސްއަވަހަށް އެތެރެއަށް ދެމިގަތެވެ. (ނުނިމޭ)










