ލަންޑަން، އިނގިރޭސިވިލާތް (ޑިސެމްބަރު 8) - އިނގިރޭސި އަމީރު ހެރީ އާއި އަނިކަނބަލުން މޭގަންގެ ޑޮކިޔުސީރީޒް ބުރާސްފަތި ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހިފައި ވާތީ އިނގިރޭސި ޝާހީ އާއިލާއަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޑިޔުން އެންޑް ޑަޗެސް އޮފް ސަސެކްސް ޝާހީ ޒިންމާތަކާ ދުރަށް ޖެހި، އެމެރިކާގެ ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރެއްވީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން އެ ދެ ކަނބަލުން ވިދާޅުވީ ޝާހީ އާއިލާއިން ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ.
ހެރީ އާއި މޭގަންގެ ޑޮކިޔުސީރީޒްގެ ޓްރެއިލާތަކުން ފެންނަ ގޮތުގައި ޝާހީ އާއިލާއަށް ކުރާ އިތުރު ތުހުމަތުތައް އެ ސީރީޒްގެ ތެރެއިން ފެންމަތިވާނެ އެވެ. އެގޮތުން ރަސްގެފާނު ޗާލްސް އާއި ވަލީ އަހުދު އަަމީރު ވިލިއަމްއަށް ތުހުމަތުތައް އަމާޒުވާނެ ކަމަށް ބެލެވެ އެވެ
ބުރާސްފަތި ދުވަހު ނެރޭނީ ސީރީޒްގެ ފުރަތަމަ ހަ އެޕިސޯޑެވެ. މިދިޔަ އަހަރުގެ މާޗް މަހު ހެރީ އާއި މޭގަން ވަނީ އެމެރިކާގެ މަގްބޫލް އޯޕްރާ ވިންފްރީގެ ޓޯކް ޝޯއަށް އިންޓަވިއު ދެއްވައިފަ އެވެ. އެ ފަހަރު ވެސް ނަސްލީ ތަފާތު ކުރުމާ ގުޅޭ ގިނަ ވާހަކަތަކެއް ފެންމަތިވި އެވެ.
މިހާތަނަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސް އަދި ވަލީ އަހުދުގެ ރަސްމީ ގަނޑުވަރު ކެންސިންގްޓަން ޕެލެސްއިން ވެސް އާ ސީރީޒްއާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.











