މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުނުކުރާ ސަނަދުތައް އޮޅުވާލައިގެން އިސްތިހާރުުކުރަމުން އަންނާތީ ސަމާލުވާން އެދިއްޖެ އެވެ.
ކޮލިފިކޭޝަން އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީން ގަބޫލުކުރާ ސަނަދެއްތޯ ކަށަވަރުކުރުމެއް ނެތި ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތުކަށް ހާމަކުރަމުން އަންނަ ކަމަށެވެ.
"މިފަދަ ސަނަދުތަކުގެ ތެރޭގައި މިއޮތޯރިޓީން ގަބޫލުނުކުރާ ކަމަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ސަނަދުތަކާއި ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި މި އޮތޮރިޓީ އަށް ޤަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަން ސަމާލުކަމަށްޓަކައި ދެންނެވިން،" އެމްކިއުއޭއިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
އެކަމަށް ސަރުކާރުގެ މުއައްސަސާތަކުންނާައި ސަނަދު ހާސިލްކުރާ ފަރާތްތަކުން ހާއްސަަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭރުގެ އެކި އިންސްޓިޓިއުޓްތަކުންނާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ހިންގާ އެކި ކޯސްތަކުގައި ދޫކުރާ ސަނަދުތަކަކީ އެމްކިއުއޭ ގަބޫލުކުރާ ސަނަދަކަށް ވާންޖެހެ އެވެ. ވަޒީފާތައް ދިނުމުގައި ބަލާނީ އެ އިދާރާއިން ތައްގަނޑު ޖަހާ ވެލިޑޭޓްކޮށްފައިވާ ލިޔުމެއްތޯ އެވެ.

މަތީ ތައުލީމުގެ ސަނަދުތައް ގިންތިކޮށް ބަލައިގަނެ، އެކްރެޑިޓް ކުރުމަކީ ކޮލިފިކޭޝަން އޮތޯރިޓީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ. އެއްވެސް ސަނަދަކީ އެ އިދާރާއިން ގަބޫލުކުރާ ސަނަދެއްތޯ ބެލުމަށް މިހާރު އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މީގެ ކުރިއާ ހިލާފަށް ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ދިވެހިން ތައުލީމް ހާސިލްކުރާ މިންވަރުު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ބައެއް ފަހަރު، ހޯދާ ސެޓްފިކެޓަކީ ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑަށް ފެތޭ ފާހެއް ނޫނެވެ.












