އިނގިރޭސި އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަންގެ ޑޮކިޔުސީރީޒްގެ މުޅިން އާ ޓްރެއިލާއެއް ނެޓްފްލިކްސުން ނެރެފި އެވެ.
ހަ އެޕިސޯޑުގެ މައްޗަށް އުފެއްދި ސީރީޒް ނެރޭނީ މި ޑިސެންބަރު މަހު އެވެ. އޭގައި ފެނިގެން ދާނީ ހެރީ އާއި މޭގަން އަދި އިނގިރޭސި ޝާހީ އާއިލާގެ އެހެން މެމްބަރުންގެ ގުޅުމެވެ.
އާ ޓްރެއިލާގައި ފެނިގެން ދަނީ ޝާހީ އާއިލާގެ ތެރޭގައި އުޅުމަކީ "މުޑުދާރު ކުޅިވަރެއްގެ" ގޮތުގައި ހެރީ ވިދާޅުވާ މަންޒަރެވެ.
"އާއިލާގެ ތެރޭގައި ގިންތި ކުރުން ވަރަަށް ބޮޑު. ކަންކަން މީޑިއާއަށް ލީކު ކުރުމާއި ދޮގު ވާހަކަ ފެތުރުން އެއީ ވަރަށް ބޮޑަށް އޮންނަ ކަމެއް،" ހެރީ ވިދާޅުވި އެވެ.
ސީރީޒްގެ ފުރަތަމަ ވޮލިޔުމް ނެރޭނީ ބުރާސްފަތި ދުވަހު އެވެ. އަދި ދެ ވަނަަ ވޮލިޔުމް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގަ އެވެ.

އޭގެ ފުރަތަމަ ޓްރެއިލާ މިދިޔަ ހަފުތާގައި އާއްމު ކުރި އިރު، މަންމާފުޅު ޑަޔާނާގެ ވާހަކަތައް ވެސް ހެރީ ދެއްކެވި އެވެ. އަދި ޝާހީ އާއިލާއާ ގުޅޭ އަންހެނުންނަށް އޮތީ ހިތާމަ ކަމަށް ވިދާޅުވި އެވެ.
ޑޮކިޔުސީރީޒްގެ އިތުރުން ހެރީގެ އޮޓޯބަޔޮގްރަފީ "ސްޕެއާ" ވެސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނެރޭނެ އެވެ. ސީރީޒް އާއި ފޮތުގެ ސަބަބުން ޝާހީ އާއިލާއަށް ގެއްލުން ލިބޭނެ ކަމަށް ބެލެވެ އެވެ.










