ނަފުސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ އެކަމަށް އަޅާނުލައި އޮތުމުގެ ސަބަބުން އެފަދަ ބަލިތަކަށް އޮތް އަހުލުވެރިކަން ކުޑަވުން ކަމަށާއި ނަފުސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ވަނީ ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ގައުމީ ކެމްޕޭން ލޯންޗުކޮށްފަ އެވެ. ކެމްޕޭން ލޯންޗުކޮށްދެއްވީ ރައީސް ސޯލިހު އެވެ.
މި ކެމްޕޭނަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މުހިންމު ބައެއް ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ. ގައުމެއް ކުރިއެރުމަކީ ރައްޔިތުންގެ ކުރިއެރުން ކަމަށާއި ތަރައްގީ ގެނައުމަށް ބޭނުންވާ ހިތްވަރު އުފެދެނީ ނަފުސާނީ އަދި ޖިސްމާނީ ދުޅެހެޔޮކަން ކަށަވަރުކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"މިދިޔަ ހަތަރު އަހަރު ތެރޭ އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރު ވެސް ދެމުންދަނީ އެންމެ ފަރުދަކު ވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ލިބިދިނުމަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން،" ރައީސް ވިދާޅުވި އެވެ.
އަދި، އޭގެ ތެރެއިން ވެސް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ސިޔާސަތެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ ސަރުކާޜުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އެންމެ ފުރަތަމަ ގާއިމުކުރީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ހިދުމަތް ދެމުން އަންނަނީ ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް. ނަފުސާނީ ވޭނުތައް ތަހައްމަލު ކުރަމުންދާ މީހުން ރާއްޖޭގައި ވަރަށް ގިނަ. އެފަދަ ވޭނުގައި އުޅޭ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް،" އެކަން އެހެން އޮތް ނަމަވެސް އެ ފަރުވާ ފޯރުކޮށްދިނުމުގައި މަޑުޖެހެވެން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ނަފުސާނީ މައްސަލައެއް ފާހަގަވުމުން އާއިލާ އާއި ރައްޓެހިންގެ ފަރާތުން އެހީތެރިކަން ހޯދަން ޖެހޭ ކަމަށާއި އަދި އެފަދަ ކަންކަމުގައި އެހީވާ ސަޕޯޓު ގްރޫޕުތަކުގެ އެހީތެރިކަން ވެސް ހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަފުސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ އެ ބަލީގެ އެންމެ ކުރީކޮޅުގައި ފަރުވާ ދޭން ފެށުން. އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން، ސަރުކާރުން ތަރައްގީ ކުރަމުންދާ ޓާޝަރީ ފަސް ހޮސްޕިޓަލުން އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ނަފުސާނީ ފަރުވާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކިހިނެއް؟" ކެމްޕޭނަކީ ކޮބާ؟
އެޗްޕީއޭ ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތަކަކީ ރައްޔިތުންގެ ގާބިލުކަން އިތުރުކޮށް، އުނދަގޫ އިހުސާސްތައް ކުރިމަތިވުމުން އެކަން ތަހައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ގާބިލުކަން އުފެއްދުމާއި، އަމިއްލަ ނަފުސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި އެކަން ކުރެވޭނެ ގާބިލުކަން އުފެއްދުމާއި، ވިސްނުމުގެ ތަފާތު ހުރި ނަމަވެސް އެންމެން އެކުގައި އުޅެވޭނެ ބާރުވެރި އަދި އަޅާލާ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށްޓަކާއި އެޗްޕީއޭއިން ވަނީ މި އަހަރުގެ ތެރޭގައި ރެޕިޑް އެސެސްމެންޓެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އެޖެންސީއިން ބުނި ގޮތުގައި މި އެސެސްމަންޓުން ރާއްޖޭގެ މާހައުލުގައި ނަފުސާނީ ސިއްހަތަށް ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ވަނީ ދެނެގަނެވިފަ އެވެ. މިއަދު ފެށުނު ކެމްޕޭން ބިނާވެފައިވަނީ އެ ހޯދުންތަކުގެ މައްޗަށެވެ.
ދިވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބަލާއިރު، އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ މައި ސިއްހީ އިދާރާ ޑަބްލިއުއެޗްއޯއިން ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭގޮތުން ހަދާފައިވާ ސާވޭއަކުން ދައްކާގޮތުން ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްވާ މީހެއް ކަމަށެވެ.
އޭގެ އިތުރުން ނަފުސާނީ ބަލިތަކަށް ހޯދާ ފަރުވާއަކީ ގިނަ ވަގުތާއި ފައިސާ ހޭދަވާ ކަމެއް ކަމާއި، ނަފުސާނީ ބަލިތަކަށް އެކަށޭނަ ހައްލެއް ނުވަތަ ފަރުވާއެއް ނުލިބުން އެއީ ގައުމުގެ އުފެއްދުންތެރިކަމަށްވެސް ސީދާ އަސަރުކުރާނެ ކަމެއް ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
މިއަދު ފެށި ކެމްޕޭނަކީ މިފަދަ ބަލިތައް ކުރީބައިގައި ދެނެގަނެ އެކަށޭނަ ފަރުވާއާއި އަޅާލުން ހޯދާނެ ގޮތުގެ އިތުރުން އަމިއްލަ މީހާގެ ނަފުސާނީ ދުޅަހެޔޮކަން ރައްޔިތުންގެ ކިބައިގައި ގާއިމުކުރުމަށް ފެށިގެންދިޔަ ކެމްޕޭނެކެވެ.
އެގޮތުން، ޔުނިސެފްގެ އެހީތެރިކަމާއެކު އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ދިވެހިން ނަފުސާނީ ދުޅަހެޔޮކަން ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރާއްޖެއަށް އައި ކްރޫޒް ލައިނާތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް މާލެއަށް އިއްޔެ ފަތުރުވެރިން ބާލާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގައި ގެންގުޅުނު ކެރޭނެއް މިއަދު ކަނޑަށް ވެއްޓުނީ ބުރިޖުގެ ތަނބެއް ޖެހުމުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
- މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލައެއްގައި 23 މިލިއަނެއްހާ ރުފިޔާގެ އަތުލާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
މިދިޔަ ހަތަރު އަހަރު ތެރޭ އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރު ވެސް ދެމުންދަނީ އެންމެ ފަރުދަކު ވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ލިބިދިނުމަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން
ދުވަހުގެ ފޮޓޯ

ވޯލްޑް ކަޕްގައި ރޭ ސައުތު ކޮރެއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ ރިޗާލިސަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެ މެޗުގައި ބްރެޒިލް މޮޅުވީ 4-1 އިން. -- ފޮޓޯ: އޭއެފްޕީ













