މުހާތަބު ކުރަންވީ ކޮން ހައިސިއްޔަތަކާ ކަމެއް ގިނަ ފަހަރު އޮޅެ އެވެ؛ އަޅުއްވައިގެން ހުންނެވި ތޮފިތައް ގިނަ ވީމަ އެވެ؛
ފެހި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިހާބުވި ރައީސުލްޖޫމްހޫރިއްޔާ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުން ބާރު ލިބިގެން ފުރަތަމަ ރަޖިސްޓްރީކުރި އެމްޑީޕީގެ ރައީސް އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އަދި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެކެވެ.
މަގާމާއި ހައިސިއްޔަތާއި ބާރުތައް "ގޭމް އޮފް ތުރޯންސް"ގެ ކެރެކްޓާއަކާ އެއް ހަމައެއްގައި ހުއްޓަސް، ގ. ކެނެރީގޭ މުހައްމަދު ނަޝީދު މަޖިލީހުގެ އިދާރާއަށް އެ ދުވަހު ހާޒިރުވެ އިންނެވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ހާމަކަން ބޮޑު ގޮތެއްގައި މަޖިލީސް ހިންގުމަށެވެ. މަޖިލީހުގެ އިދާރީ ކަންކަމާއި ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމުގެ މަސައްކަތާއި ސަރުކާރު ޖަވާބުދާރީކުރުން ކުރިއަށްދާ ގޮތް އޮޅުންފިލުވައިދިނުމަށެވެ.
"ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުންގެ ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް،" އާސްކް ސްޕީކާގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ އިއުލާނުގެ ފުރަތަމަ ޖުމްލައިގައި މަޖިލީހުގެ އިދާރާއިން ލިޔެފައިވެ އެވެ.
ނަމަވެސް ރީނދޫ ޓައީއެއް ތުރުކުރައްވައިގެން އިންނެވި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުތައް ގިނަކަމުން، އެހެން ހައިސިއްޔަތުތަކާ ގުޅޭ އެތައް ސުވާލެއް އަމާޒުވެ އެވެ. އަދި އެ ސުވާލުތަކަށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ތަނުގައި އިންނެވި ނަޝީދު ގެންދެވީ ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކެވެ. ރިޔާސީ ޕްރައިމަރީގެ ވާހަކަ އެވެ. އެމަނިކުފާނު ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމުގެ ވާހަކަ އެވެ. ޅައިރާއި ސިޔާސީ ހަޔާތުގެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ގޯސް" ވާހަކަތަކެވެ. ނަޝީދުގެ ސިޔާސީ ކެރިއަރުގެ ހުވަފެންތަކުގެ ވާހަކަ އެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްގެ ހޯސްޓު އަދި މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޒިޔާއު ނަޝީދާއެކު-- ފޮޓޯ: މަޖިލިސް
އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ދޫކޮށްލެއްވުމުގެ އިހްތިޔާރު އޮވެ އެވެ. މަޖިލީހުގެ އިދާރާއިން ވެސް، އާންމުން ކުރާ ކޮންމެ ސުވާލެއް ނަޝީދަށް އަމާޒެއް ނުކުރެ އެވެ. މަޖިލީހުގެ މުވައްޒަފަކަށް ހުންނެވި ބޭފުޅަކު، ޕްރެޒެންޓަރެއްގެ ގޮތުގައި އިންނަވާ ކުރައްވާ ސުވާލުތަކަކީ، އެ އިދާރާއިން "ހޮވާލައިގެން" ކުރާ ސުވާލުތަކެވެ. ވީއިރު މި ސުވާލުތަކަށް "މަޖިލީހުގެ ރައީސް" ކޮންމެހެން ޖަވާބު ދެއްވަން ޖެހޭ ހެއްޔެވެ؟
މަގާމުގެ ބޭނުން ހިއްޕަވަނީ ނަހަމަ ގޮތުގައިތަ؟
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ގަބޫލުކުރައްވާ ގޮތުގައި ނަޝީދުގެ މި އަމަލަކީ އެމަނިކުފާނަށް ލިބިފައިވާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބެލެވިދާނެ އެވެ. އެއީ މަޖިލީހުގެ ވަސީލަތްތައް އަމިއްލަ މަންފާއަކަށް ބޭނުން ކުރުން ކަމުގައި ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އުޝާމް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީ ނުވަތަ އަމިއްލަ ކެމްޕެއިނުތައް ކުރުމަށް ޓަކައި އެގޮތަށް މަޖިލީހުގެ ރިސޯސަސް ބޭނުން ކުރެވިދާނެ ކަމަކަށް، އެއީ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން," އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ފެންނަނީ ހަމައެކަނި މަޖިލީހަކުން ވެސް ނޫނެވެ. އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ވަސީލަތްތައް އަމިއްލަ މަންފާއަށް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އާންމު ކަމެކެވެ.
އެހެންނަމަވެސް ނަޝީދު ފަދަ "ގުޑް ގަވަނަންސްއާއި ޓްރާންސްޕޭރެންސީ"ގެ ވާހަކަ އަބަދުމެ ދައްކަވާ ބޭފުޅުންގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ދެރަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

އާސްކް ސްޕީކާގައި ނަޝީދު ސުވާލަކަށް ޖަވާބު ދެއްވަނީ؛ މި ޕްރޮގްރާމްގައި މަޖިލީހުގެ ވާހަކައަށް ވުރެ ބޮޑަށް ދެކެވުނީ ނަޝީދުގެ އަމިއްލަފުޅު ސިޔާސީ ވާހަކަތައް--- ފޮޓޯ: މަޖިލިސް
"މި ބޭފުޅުން ވެރިކަމަށް އައުމުގެ ކުރިން އެންމެ އަޑުހަރުކޮށް ދައްކަވާ ވާހަކަ އެއީ؛ ޕާޓީގެ ކަންކަމުގަ އާއި އަމިއްލަ ކަންކަމުގައި ޕާޓީގެ ރިސޯސަސް ބޭނުން ނުކުރާނެ ކަމަށް، އެ ބޭފުޅުން އައިސް އެކަން ނުކުރާނެ ކަމަށް،" އެމްއެންޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އުޝާމް އޭނާގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.
އެހެންނަމަވެސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް އެކަމަށް އެއްބަސްވެވަޑައިގަންނަވަން ދަތިވެ އެވެ. އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ނަޝީދަކީ ސިޔާސީ ބޭފުޅެކެވެ. އެމަނިކުފާނާ ރައްޔިތުން ކުރާނީ ސިޔާސީ ސުވާލެވެ. އެމްޑީޕީގެ ރައީސާ އެމްޑީޕީިގެ ސުވާލު ކުރާނެ އެވެ.
"އާސްކް ސްޕީކާގެ ނަމުގައި ބާއްވަނީ، ދެން ބާއްވާއިރު އެހެންނަމަވެސް ރައީސް ނަޝީދު ވާނީ މަޖިލީހުގެ ރައީސް ވިޔަސް ކުރީގެ ރައީސް ކަން ކުރެއްވި އަދި އެމްޑީޕީގެ ރައީސް އަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"ގަސްތުގައި ރިސޯސަސް ނަހަމަ ގޮތުގައި ބޭނުން ކުރައްވަނީ ކަމަކަށް ނުބެލެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
ޖަވާބު ދެއްވުމުގައި ނަޝީދަށް ވެސް އިހުތިޔާރު ލިބިގެންވާ ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ސުވާލުކުރުމުގައި ކަމާ ނުގުޅޭ ސުވާލުތައް ނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވާން ޖެހޭނެ އެވެ. އެކަމާ އުޝާމް ވެސް އިއްތިފާގުވެވަޑައިގަންނަވަ އެވެ.
"އެފަދަ ސުވާލެއް އައި ކަމުގައިވީނަމަވެސް ޖަވާބަކަށް ވާން ޖެހޭނީ މި ފޯރަމަކީ މިފަދަ ވާހަކަ ދެއްކޭ ފަދަ ތަނެއް ނޫނޭ، މިއީ މަޖިލީހުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ކަމެކޭ،" އުޝާމް ވިދާޅުވި އެވެ.
އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ސުވާލު ކުރާ ފަރާތްތަަކުން ސުވާލުކުރުމުގައި ވެސް ސަމާލުވާން ޖެހެ އެވެ؛ އެއީ މަޖިލީހުގެ ވާހަކަ ދައްކަން ބާއްވާ ޕްރޮގްރާމެއްކަން ދަންނަން ޖެހެ އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވުމާއި އެކަންކަމާ ބެހޭ މަސައްކަތާ ގުޅޭ ސުވާލު ކުރަން ޖެހޭ. ވަރަށް ފައިން ލައިނެއް ގެންގުޅެން ޖެހޭނެ [އެކަމުގައި]،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މައްސަލައަކީ ގާނޫނީ ނިޒާމު
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި މިކަންކަން މިގޮތަށް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ވަކި ބައެއްގެ މައްޗަށް ގާނޫނު ނުުހިނގުމެވެ.
"އެހެން މީހަކު އެކަން ކުރާ ކަމަށް ވަންޏާ ސުވާލު އުފައްދާނެ، އެކަމަކު މަޖިލިސް ރައީސް ވިމާ ނުއުފައްދައެއް ނޫންތޯ އެކަކު ވެސް އެކަމާ ސުވާލެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން އަލީ ހުސައިން ނެންގެވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދުގެ އަމަލުފުޅުތައް ހުންނަ ގޮތެވެ؛ މަޖިލީހުގެ ރައީސް ހިނގަމުންދާ އެއްވެސް ބަހުސެއްގައި އަދި އެއްވެސް މައްސަލައެއްގައި އަމިއްލައަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް ނުވުމެވެ.

މަޖިލީހުގެ ރައީސް ނަޝީދު؛ ނަޝީދު ގެންދަވަނީ ރިޔާސަތުގައި އިންނަވައިގެން މެންބަރުންގެ ބަހުސްގައި އެމަނިކުފާނުގެ ރައުޔު ހާމަކުރައްވަމުން-- ފޮޓޯ: މަޖިލިސް
"މަޖިލީހުގައި އެ ޕާޓީގެ މެޖޯރިޓީ އޮތީމާ ދެން ހަމަ ހިންގާނެ ގޮތަކަށް ހިންގަންވީ، އެހެންވީމާ 65 ލިބުނީމާ ދެން ގާނޫނުގެ ވާހަކަ ދެއްކުމެއް ނޯންނާނެތާ،" އަލީ ހުސައިން ވިދާޅުވި އެވެ.
މި ނިޒާމު މިއޮތީ ރަނގަޅަކަށް ނޫން، ރޫލް އޮފް ލޯއާއި ގާނޫނުގެ ވާހަކަ ދެއްކޭ ކަހަލަ ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ފާހަގަ ކުރައްވާ އަނެއް މައްސަލައަކީ އެއް ބޭފުޅަކު ތަފާތު އެކި މަގާމުތައް ފުރުއްވުމެވެ؛ އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. އިކޮނޮމިކް މިނިސްޓަރު ޕާޓީގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
މިކަން މިިގޮތަށް ހިނގާ ނަމަ 'އާސްކް ޖޭސްސީ'ގެ ނަމުގައި ޕްރޮގްރާމެއް ބޭއްވި ނަމަވެސް ހިސާންއާ އަމާޒުވާނީ ޖޭއެސްސީއާ ގުޅޭ ސުވާލަށް ވުރެ ބޮޑަށް އެހެނިހެން ސުވާލު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސިޔާސީ ޕާޓީއެއްގެ ރައީސަކަށް މަޖިލީހުގެ ރިޔާސަތުގައި ފުރަތަމަ ކަމަކަށް އިނދެވެނީ ކީއްވެ؟ އެތާ އިންނަ މީހަކަށް އެނގެން ޖެހޭނެ ޑިމޮކްރެޓިކް ރަނގަޅު މުޖުތަމައެއްގެ ހަމަތައް، އެ މީހަކު ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިއީ ގާނޫނެއްގައި ލިޔެވިފައި ނެތް ނަމަވެސް، މިއީ އަހުލާގީ ރީތި އުސޫލުތައް އެއްކިބާ ކޮށްފައި ހަމައެކަނި ގާނޫނު ނަގަހައްޓަން މަސައްކަތް ކުރުމުން ދިމާވާ މައްސަލައެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"ގާނޫނުގައި ނުއެއް އޮވޭ އެ ވާހަކައެއް، އެކަމަކު ރީތި ގޮތަކީ ރީތި އުސޫލަކީ އަހުލާގީ ގޮތުން އެގޮތަށް ގިނަ މަގާމުތަކުގައި ނުހުރުން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރަައީސް ކަމަށް އަންނަ ކަމަށް ވަންޏާ ޖެހޭނެ ޕާޓީގެ ރައީސް ކަމުން ދުރުވާން،" އަލީ ހުސެއިން ވިދާޅުވި އެވެ.
ނަޝީދު މަޖިލިސް ރައީސް ކަމުގައި ހުންނަވައިގެން ހަމައެކަނި އެ ހައިސިއްޔަތުން ވާހަކަ ދެއްކޭހާ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
"ހަމައެކަނި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދައްކާ ވާހަކަ ދެއްކޭ ވަރަކަށް ސިޔާސީ ގޮތުން ވެސް މެޗުއާއެއް ނޫން، ރައްޔިތުންގެ ވިސްނުން ވެސް އެވަރަކަށް މެޗުއާއެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.
ބޭނުން ވަނީ ގާނޫނެއް؟
އެއް ބޭފުޅަކު ގިނަ މަގާމުތަކުގައި ހުރުމަކީ އުޝާމަށް މައްސަލައެއް ނޫނެވެ. އެއީ ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގައި ވެސް ކަން ހިނގަމުން އަންނަ ގޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އެމެރިކާއަށް ބެލިކަމުގައިވީނަމަވެސް މެލޭޝިއާއަށް ބެލިކަމުގައިވީނަމަވެސް އެކި ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ ވަޒީރުކަމުގައި ވެސް ތިއްބަވަނީ" އުޝާމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.
މި މައްސަލަ ހައްލު ކުރެވޭނެ ގޮތަކަށް އޭނާއަށް ފެނިވަޑައިގަންނަވަނީ މިކަމަށް ވަކިން ގާނޫނެއް ހެދުމެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މިހާރު ވެސް މިކަންކަން މަނާ ނަމަވެސް މިކަމަށް ވަކި ހާއްސަ ގާނޫނެއް އޮތުން މުހިންމު ކަމަށް އުޝާމް ވިދާޅުވި އެވެ.
"ސެލްފް ޑިސިޕްލިންއަށް ވުރެ ބޮޑަށް އަޅުގަނޑަކަށް ގަބޫލުކުރެވެނީ ބޮޑަށް ގާނޫނެއް ނެތުމުގެ އުނިކަން ވެސް އެބައޮތޭ،" އުޝާމް ވިދާޅުވި އެވެ.
ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކައިން ސާފުވާ އެއް ކަމެއް އެބައޮތެވެ. ސިޔާސީ ބޭފުޅުން ދައްކަވާނީ ސިޔާސީ ވާހަކަ އެވެ. އެއާއެކު "އާސްކް ސްޕީކާ" ގައި ސުވާލު ކުރަންވީ މަޖިލީހުގެ ރައީސް އާ ތޯ ނުވަތަ ނަޝީދުއާ ތޯ ރައްޔިތުންނަށް އޮޅިދާނެ އެވެ. ނަމަވެސް، ސާފުވާންޖެހޭ އެއް ކަމެއް އެބަ އޮތެވެ. ދައުލަތުގެ މުދަލާއި ފައިސާއިން މަސައްކަތެއް ކުރާ ނަމަ، އެއީ އެއްވެސް މީހެއްގެ އަމިއްލަ މަންފާއަށް ކުރާ ކަމަކަށް އެކަން ނުހަދާކަން އާންމު މީހާއަށް ޔަގީންވާންޖެހެ އެވެ.












